ޖަރުމަނުވިލާތުގެ އައު ޗާންސެލަރަކަށް ކޮންޒަވޭޓިވް ފްރިޑްރިޗް މާޒް އިންތިޚާބުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ ޕާލަމެންޓުން މިއަދު އެ ޤައުމުގެ އައު ޗާންސެލަރަކަށް ކޮންޒަވޭޓިވް ފްރިޑްރިޗް މާޒް އިންތިޚާބުކޮށްފައިވާއިރު، މި އިންތިޚާބުގައި ފުރަތަމަ ބުރުގައި އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން ދެވަނަ ބުރެއް ބޭއްވުނެވެ.
69 އަހަރުގެ މި ލީޑަރު އިންތިޚާބުކުރީ އޭނާގެ އަމިއްލަ ކޮންޒަވޭޓިވް ސީޑީޔޫ/ސީއެސްޔޫ އިއްތިހާދާއި އެމީހުންގެ ޖޫނިއަރ ކޯލިޝަން ޕާޓްނަރ، ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) ގެ މެންބަރުންނެވެ.
ޖުމްލަ 325 މެންބަރުން މާޒްއަށް ވޯޓުދިން އިރު، 289 މެންބަރުން ވޯޓުދިނީ އޭނާއާ ދެކޮޅަށެވެ. 630 ގޮނޑީގެ ޕާލަމެންޓުގައި މުޠުލަޤު އަޣުލަބިއްޔަތު ހޯދުމަށް ކޮންޒަވޭޓިވް ލީޑަރަށް 316 ވޯޓު ބޭނުންވިއެވެ.
މާޒްގެ ކޯލިޝަނުން ބުންޑެސްޓާގްގައި 328 ގޮނޑި ކޮންޓްރޯލްކުރި ނަމަވެސް، ފުރަތަމަ ބުރުގައި އަޣުލަބިއްޔަތު ނުލިބުނީ ސިއްރު ވޯޓަކަށްވުމާއެކު، މާޒްގެ ޗާންސެލަރުކަމާ ދެކޮޅަށް ވޯޓުދޭނީ ކޯލިޝަން ޕާޓީތަކުގެ ކިތައް މެންބަރުންކަން ސާފުނުވުމުންނެވެ.
ޕާލަމެންޓުގެ ރުހުން ލިބުމާއެކު، މާޒް ވެގެންދިޔައީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުވިލާތުގެ 10 ވަނަ ޗާންސެލަރަށެވެ. އޭނާ މި މަޤާމު ހޯދީ ފެބްރުއަރީ 23 ގައި ބޭއްވުނު ކުއްލި އިންތިޚާބަށްފަހު، އޭނާގެ ކްރިސްޓިއަން ޑިމޮކްރެޓުން ސޯޝަލް ޑިމޮކްރެޓުންނާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ.
އައު ކޯލިޝަން ސަރުކާރުގައި، ކޮންޒަވޭޓިވް ސީޑީޔޫ/ސީއެސްޔޫ އިއްތިހާދުން ބަލަހައްޓާނީ ޚާރިޖީ ކަންތައްތަކާއި، އެތެރޭގެ ކަންތައްތަކާއި، އިޤްތިޞާދީ މިނިސްޓްރީތައް ފަދަ މުހިންމު ދާއިރާތަކެވެ. އެއްބަސްވުމުގެ ދަށުން، ސޯޝަލް ޑިމޮކްރެޓުން ހިންގާނީ މާލިއްޔާ، ދިފާޢީ އަދި މަސައްކަތްތެރިކަމުގެ މިނިސްޓްރީ ހިމެނޭ ހަތް މިނިސްޓްރީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!