ރާއްޖެއަށް ވަގަށް އެތެރެކުރި 221 ކާޓަން ސިނގިރޭޓް ފުލުހުން އިއްޔެ ރޭ އަތުލައިގަތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ފާހަގަކުރެވުނީ އިއްޔެ ރޭ މާލޭގެ ބޮޑުރަސްގެފާނު މަގުން ޕިކަޕެއް ފިލައިގެން ދިއުމަށް މަސައްކަތް ކުރާކަމަށް ސައްކު ކުރެވިގެން ފަހަތުން ދިއުމުން، ތިން ކަޅު ދަބަސް ދޫކޮށްލާފައި ދިޔުމާ ގުޅިގެންނެވެ.
ތަޙުޤީޤުގައި ބެލިބެލުމުން، އެ ދަބަސްތަކުން ފެނިފައިވަނީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަން ސިނގިރޭޓުކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މިފަދަ ހާދިސާތައް ފަހަކަށް އައިސް އަންނަނީ އިތުރު ވަމުންނެވެ. އެެއީ، ސަރުކާރުން ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރި ފަހުންނެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން، ކުރިން ނެގި 3 ރުފިޔާގެ ޓެކްސް 8 ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށްފައިވެއެވެ.
މިއީ ފަހަކަށް އައިސް ރާއްޖެއަށް ސިނގިރޭޓް ވަގަށް އެތެރެކުރަން މަސައްކަތްކުރާ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެކެވެ. މިދިޔަ މަހު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން 130،155 ސިނގިރޭޓް އަތުލައިގަނެފައެވެ. އަދި މާޗު މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދެ މީހަކު ހުއްދަ ނެތި ސިނގިރޭޓް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވެއެވެ.
ޞިއްޙީ ވުޒާރާއިން މިދިޔަ ފެބުރުއަރީ މަހު "ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ޤަވާއިދު" އާންމުކޮށްފައިވާއިރު، މި ޤަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނީ ޞިއްޙީ ވުޒާރާއިން ދޫކުރާ ޚާއްޞަ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!