ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީ ގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާއި އޮތް ފަރަގު ރެއާލުން ކުޑަކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ސެލްޓަ ބަލިކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާ އޮތީ 34 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ރެއާލް އޮތީ 34 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމްގެ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އޮތްއިރު އަންނަ އާދީއްތަ ދުވަހު ލީގުގައި ރެއާލާއި ބާސާ ބައްދަލުކުރާނެއެވެ. ލީގުގެ ޑިސައިޑިން މެޗެއްގެ ގޮތުގައި ގިނަބަޔަކު އެ މެޗު ސިފަކުރަމުން އަންނައިރު އެ މެޗުން ބާސާ މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަނަކަން ގާތްގަނޑަކަށް އެ ޓީމަށް ކަށަވަރު ވެގެންދާނެއެވެ. ރެއާލުން އެ މެޗު ކާމިޔާބު ކޮށްފި ނަމަ ދެ ޓީމްގެ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރެވޭނެއެވެ. މި ސީޒަންގައި އަދި މިހާތަނަށް ރެއާލަށް ބާސާގެ މައްޗަށް ކުރި ހޯދިފައިނުވެއެވެ.

Ad
rt

ރޭ މެޗުގައި ރެއާލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ގުލާއެވެ. މެޗުގެ 33 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ތަނަވަސްވީ ފުރުސަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ރޭ މެޗުގައި ރެއާލަށް އަނެއް ދެ ގޯލު ޖަހައިދިނީ އެމްބާޕޭއެވެ. މިއީ ލީގުގައި ކުޅުނު 30 މެޗުގައި އޭނާ ޖަހައިދިން 24 ވަނަ ލަނޑެވެ. ފުރަތަމަ ސީޒަންގައި އެމްބާޕޭއަށް ވުރެ ގިނައިން ލަނޑު ޖަހާފައި ވަނީ ދެ ކުޅުންތެރިއެކެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން ރެއާލަށް ބަދަލުވެ 2009/10 ސީޒަންގައި ރޮނާލްޑޯ ޖެހި 26 ލަނޑާއި، 2006/07 ވަނަ ސީޒަންގައި ޔުނައިޓެޑުން ރެއާލަށް ބަދަލުވެ ނިސްޓެލްރޫއީ ޖެހި 25 ލަނޑެވެ.

ހުރިހާ މުބާރާތެއް ހިމެނޭހެން އެމްބާޕޭ ފުރަތަމަ ސީޒަންގައި އޭނާ މިވަނީ ރެއާލަށް 36 ލަނޑު ޖަހައިދީފައެވެ. ފުރަތަމަ ސީޒަންގައި ރެއާލަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ އިވާން ޒަމަރޯނާގެ އަތުގައެވެ. އޭނާ ވަނީ ފުރަތަމަ ސީޒަންގައި ރެއާލް ޖޯޒީގައި 37 ލަނޑު ޖަހާފައެވެ.

ރޭ މެޗުގެ ދެވަނަ ހާފުގައ ސެލްޓައިން ކައިރިކައިރީގައި ދެ ލަނޑުޖަހައި ރެއާލް ހާސްކޮށްލިއެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 69 ވަނަ މިނެޓުގައި ރޮޑްރިގުއޭޒް ޖެހިއިރު ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި ޖަހައިދިނީ ސްވެޑްބާގެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ރަނގަޅު ފުރުސަތު ސެލްޓައަށް ލިބުނެވެ. އެ ހަމަލާތަކުގެ ހުރަހަކަށް ވީ ރެއާލުގެ ކީޕަރ ކޯޓުއާއެވެ.