ޔަމަނުގެ އައު ބޮޑުވަޒީރަކަށް ކުރީގެ މާލީ ވަޒީރު ސާލިމް ސާލެހް ބިން ބްރައިކަސް އައްޔަންކޮށްފިއެވެ.
ޔަމަނުގެ ރައީސްގެ ކައުންސިލުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ކެބިނެޓުގައި މާލީ ވަޒީރުކަން ކުރެއްވި ސާލިމް ސާލެހް ބިން ބްރައިކަސް އެ ގައުމުގެ އައު ބޮޑުވަޒީރަކަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ. މި އައްޔަންކުރުން އައިސްފައިވަނީ ކުރީގެ ބޮޑުވަޒީރު އަހްމަދު އަވާދު ބިން މުބާރަކް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ބިން މުބާރަކް އިސްތިއުފާ ދެއްވާފައިވަނީ "ގިނަގުނަ ދަތިތަކާ" ކުރިމަތިލާންޖެހުމާ ގުޅިގެން ކަމަށް ވިދާޅުވެފައިވެއެވެ. މީގެ ތެރޭގައި ސަރުކާރު އަލުން އެކުލަވާލުމަށް ނުކުޅެދުން ހިމެނެއެވެ. ސަރުކާރުގެ 12 ވަޒީރުން ވަކިކުރުމަށް އެދިވަޑައިގަތުމުން ރައީސްގެ ކައުންސިލުގެ އިސްވެރިޔާ ރަޝާދު އަލް-އަލީމީ އެކަމަށް އިންކާރު ކުރެއްވުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ހިނގި ޚިޔާލު ތަފާތުވުމަކާ ގުޅިގެން ބިން މުބާރަކް އިސްތިއުފާ ދެއްވާފައިވާކަމަށް ޔަމަން ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވެއެވެ.
ބިން މުބާރަކް ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޚާރިޖީ ވަޒީރުކަމުގައެވެ. އޭނާ މަޝްހޫރުވެވަޑައިގަތީ 2015 ވަނަ އަހަރު ހޫތީ މިލިޝިޔާއިން އޭނާ ރަހީނުކޮށްލުމާ ގުޅިގެންނެވެ. އެ ދުވަސްވަރު އޭނާ ހުންނެވީ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ރިޔާސީ ޗީފް އޮފް ސްޓާފްގެ މަގާމުގައެވެ.
ޔަމަނުގެ ގިނަ ސަރަހައްދުތަކެއް ކޮންޓްރޯލް ކުރަމުންދާ އީރާނާ ގުޅުން އޮންނަ ހޫތީންގެ ސަބަބުން ރަތް ކަނޑުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާ ދެމުންދާތީ، އެމެރިކާއިން ވަނީ ހޫތީންގެ އަސްކަރީ އަމާޒުތަކަށް ވައިގެ ހަމަލާތައް އިތުރުކޮށްފައެވެ. މާރިޗު މަހުން ފެށިގެން ހޫތީންނަށް ދެމުންދާ މި ހަމަލާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުން މެދު އިރުމަތީގައި އެމެރިކާއިން ހިންގި އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ކަމުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!