އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތުގެ އަތްދަށުވެ ގެއްލުނު ތިން ޕޮއިންޓާއިއެކު އާސެނަލަށް ޕޮއިންޓް ތާވަލުގެ ދެވަނާގައި ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުން މެޗު ބޯންމައުތުން ކާމިޔާބު ކޮށްފައި ވަނީ އާސެނަލުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެލަނޑު (2-1) ޖަހައިގެންނެވެ.

Ad
rt

ލިވަޕޫލުން ލީގު ޗެމްޕިއަނަކަން ކަށަވަރު ކޮށްފައިވާއިރު، ދެވަނާގައި އާސެނަލް އޮތީ 35 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ސިޓީ އޮތީ 35 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް ނިއުކާސަލަށް 34 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ބްރައިޓަންއާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން އާސެނަލާއި ދެ ޕޮއިންޓަށް ކައިރިއަށް ޖެހިލުމުގެ ފުރުސަތު ނިއުކާސަލަށް ވަނީ ފަހިވެފައެވެ.

ލީގުގައި ބާކީ ތިން މެޗު ސިޓީއަށާއި އާސެނަލަށް ވެސް އޮތްއިރު ކުރިއަށް އޮތް މެޗުތަކުގައި ނަތީޖާ ނެރެން އާސެނަލަށް ވެސް މިވަނީ މަޖުބޫރުވެފައެވެ. ނޫންނަމަ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ސޮއްސާލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ރޭ މެޗުގައި އާސެލަށް 34 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ ރައިސްއެވެ. އޭނާ މި ލަނޑު ޖެހީ، މާޓިން އޮޑެގާޑް ދިން ބޯޅައަކުންނެވެ. ބޯންމައުތުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައެވެ. މެޗުގެ 67 ވަނަ މިނިޓްގައި ބޯންމައުތުން އެއްވަރުކުރީ، އަންޓުއާން ސެމެންޔޯގެ ދިގު އެއްލުމަކުން، ޑީން ހައުސަން ބޮލުން ޖެހި ގޯލަކުންނެވެ. މެޗުން ބޯންމައުތު މޮޅުކޮށްދިން ލަނޑު ޖެހީ، 75 ވަނަ މިނެޓްގައި އެވަނިލްސަން އެވެ.

ގަދަހަތަރެއްގެ ޖާގައެއް ހޯދަން މަސައްކަތް ކުރަމުން އަންނަ އެސްޓަން ވިލާއިން ރޭ ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. ކުޅުނު 35 މެޗުން ލިބުނު 60 ޕޮއިންޓާއިއެކު އެސްޓަން ވިލާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނާގައެވެ. ރޭ މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޓިއެލެމަންސްއެވެ.