އޮސްޓްރޭލިއާގެ ލޭބަރ ޕާޓީގެ ލީޑަރ އަދި ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް، އިއްޔެ ބޭއްވުނު އާންމު އިންތިޚާބުގައި ޕާލިމަންޓުގައި އަޣުލަބިއްޔަތު ހޯދައި ދެވަނަ ދައުރެއް ކާމިޔާބު ކަށަވަރު ކުރައްވައިފިއެވެ. މިއީ 2004 އިން ފެށިގެން ލޭބަރ ޕާޓީއަށް ލިބުނު ފުރަތަމަ ދެވަނަ ދައުރެވެ.
ވޯޓުގެ 45% ގުނާ ނިމިފައިވާއިރު، ލޭބަރ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގައި 80 އަށްވުރެ ގިނަ ގޮނޑި ލިބިފައިވާކަމަށް އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އޭބީސީ) އިން ރިޕޯޓުކޮށްފައިވެއެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވަނީ 76 ގޮނޑިއެވެ.
ލޭބަރ ޕާޓީގެ ހެޑްކުއާޓަރުގައި ވާހަކަދައްކަމުން، އަލްބަނީޒް ވިދާޅުވީ "މާދަމާއިން ފެށިގެން - އަނބުރާ މަސައްކަތަށް" އަދި ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ކުރިއަށް އޮތް ތިން އަހަރު ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިންތިޚާބުގެ އެންމެ ހައިރާން ކުރަނިވި ނަތީޖާއަކީ އިދިކޮޅު ލިބަރަލް ޕާޓީގެ ލީޑަރު ޕީޓަރ ޑަޓަން، ކުއީންސްލޭންޑްގެ ޑިކްސަން ގޮނޑި ގެއްލުމެވެ. ޑަޓަން އެ ގޮނޑި ގެއްލީ ލޭބަރ ޕާޓީގެ ކެންޑިޑޭޓް އަލީ ފްރާންސް އަށެވެ. މިއީ އޮސްޓްރޭލިއާގެ ތާރީޚުގައި އިދިކޮޅު ލީޑަރަކު އިންތިޚާބުގައި ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.
"މި ކެމްޕެއިން އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށް ރަނގަޅަށް ނުކުރެވުނު. އެކަން މިރޭ ވަރަށް ސާފު، އަދި އަޅުގަނޑު އޭގެ ފުރިހަމަ ޒިންމާ ނަގަން," ޑަޓަން ޕާޓީގެ މެމްބަރުންނަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނަމަވެސް، ޑަޓަން ކުރިން އިސްލާމީ ކެންޑިޑޭޓުންނަށް ފާޑު ކިޔުމާއި އިސްލާމް ދީނާ ދެކޮޅަށް ދެއްކި ވާހަކަތަކުގެ ސަބަބުން ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ. އަދި އޭނާގެ ބައެއް ކެންޑިޑޭޓުން އެމެރިކާގެ ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ސްޓްރެޓެޖީތައް އޮސްޓްރޭލިއާގައި ތަކުރާރުކުރަން މަސައްކަތްކުރާކަމުގެ ތުހުމަތުވެސް ކުރެވިފައިވެއެވެ.
އިންތިޚާބުގެ ވޯޓުލުން ފެށުނީ ހުކުރު ދުވަހުގެ ހެނދުނު 8:00 ގައި ( 22:00 ޖީއެމްޓީ) ގައެވެ. އޮސްޓްރޭލިއާގެ މަޖުބޫރު ވޯޓުލުމުގެ ނިޒާމުގެ ދަށުން 18 މިލިއަނަށްވުރެ ގިނަ ރަޖިސްޓަރީކޮށްފައިވާ ވޯޓަރުން މި އިންތިޚާބުގައި ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!