އާޖެންޓީނާގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް އައުމާއެކު ޗިލީގައި ސުނާމީގެ އިންޒާރު ދީފިއެވެ.

ޗިލީގެ އިދާރާތަކުން ސުނާމީގެ އިންޒާރު ދީފައިވާއިރު، އެންޓާކްޓިކާ އަދި މެގަލަންސް ސަރަޙައްދުގެ ގޮނޑުދޮށުގެ އެންމެހައި ސަރަޙައްދުތައް ހުސްކުރުމަށް ވަނީ އަމުރުކޮށްފައެވެ. މިއީ ހުކުރު ދުވަހު އާޖެންޓީނާގެ ދެކުނަށް އައި ރިކްޓަރ ސްކޭލް 7.4 ގެ ބޮޑު ބިންހެލުމެއް އައުމާ ގުޅިގެން ނެރުނު އަމުރުތަކެކެވެ.

Ad
rt

ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭގެ ރިޕޯޓުގައިވާ ގޮތުން، މި ބިންހެލުން އައީ ހުކުރު ދުވަހު ޖީއެމްޓީ އިން 12:58 ގައެވެ. މި ބިންހެލުން އުފެދިގެން އައި އާޖެންޓީނާގެ ދެކުނުން 219 ކިލޯމީޓަރު (136 މޭލު) ދުރުގައި، ބިމުގެ އަޑިން 10 ކިލޯމީޓަރުގެ ފުންމިނުންނެވެ.

މިހާދިސާއާއި ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެ އިމާރާތެއް ހަލާކުވުން ކަހަލަ ބޮޑު ހާދިސާއެއް ހިނގިކަމެއް އާޖެންޓީނާގެ އިދާރާތަކުން މިހާތަނަށް ރިޕޯޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް، ޗިލީގެ ހައިޑްރޮގްރަފިކް އެންޑް އޯޝަނޮގްރަފިކް ސަރވިސް (އެސް.އެޗް.އޯ.އޭ) އިން މި ބިންހެލުމުގެ ބާރުމިން އަންދާޒާކޮށްފައިވަނީ 7.8 ގައެވެ.