ދެކުނު އެފްރިކާގައި ހަ އަހަރުގެ ދަރިފުޅު ވިއްކާލި މައްމަގެ މައްޗަށް ކުޑަކުދިން ޓްރެފިކްކުރުމާއި ވަގަށް ނެގުމުގެ ކުށް ސާބިތުވެއްޖެއެވެ.

ކުޑަކުއްޖާ ވިއްކާލި މައްސަލައިގައި އެ ކުއްޖާގެ މަންމައާއި އިތުރު ދެ މީހަކު ކުށްވެރިވެރިވެފައިވާ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު، މި މައްސަލައަކީ ފާއިތުވި އަހަރު އެ ކުއްޖާ ގެއްލުނު ފަހުން ޤައުމީ ސަމާލުކަން ލިބުނު މައްސަލައެކެވެ.

Ad
rt

ޖޮޝްލިން ސްމިތު (6 އަހަރު) ގެއްލުނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު، ވެސްޓަން ކޭޕް ޕްރޮވިންސްގެ ސަލްދާނާ ބޭގައި އޮންނަ މިޑެލްޕޯސް ކިޔާ ކުޑަ ރަށަކުންނެވެ. އޭގެ ފަހުން މުޅި ޤައުމުގައި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް މިހާތަނަށް އެ ކުއްޖާ ފެނިފައެއް ނުވެއެވެ.

ޖޮޝްލިންގެ މަންމަ ކެލީ ސްމިތާއި، އޭނާގެ ލޯބިވެރިޔާ ޖެކުއެން އަޕޮލިސް އަދި އެ ދެމީހުންގެ ރައްޓެއްސެއް ކަމަށްވާ ސްޓީވެނޯ ވަން ރިން އަށް ދަޢުވާ ކުރެވުނީ އެ ކުއްޖާ ވިއްކާލުމުގެ ތުހުމަތުގައެވެ.

ހުކުރު ދުވަހު ވެސްޓަން ކޭޕް ހައި ކޯޓުގެ ފަނޑިޔާރަކު މި ތިން މީހުން ވެސް ކުޑަކުދިން ޓްރެފިކްކުރުމާއި ވަގަށް ނެގުމުގެ ކުށުން ކުށްވެރިވާ ކަމަށް ނިންމިއެވެ.

މުޅި ދެކުނު އެފްރިކާ ސިއްސުވާލި މި މައްސަލައިގައި، ހެކިބަސް ދިން މީހަކު ކޯޓުގައި ބުނެފައިވަނީ ސްމިތު އޭނާގެ ދަރިފުޅު ސަންގޯމާ ނަމަކަށްކިޔާ ޓްރެޑިޝަނަލް ބޭސްވެރިޔަކަށް 20،000 ރޭންޑް (1،100 ޑޮލަރު) އަށް ވިއްކާލި ކަމަށާއި، އެ ކުއްޖާ ގަތްމީހާ ގަތީ އެ ކުއްޖާގެ "ލޮލާއި ހަން" ބޭނުންވެގެން ކަމަށެވެ.

ފަނޑިޔާރު އޭނާގެ ޙުކުމުގައި އެ ކުއްޖާ ވިއްކާލީ ކާކަށް ކަމެއް ނުވަތަ ކީއްވެގެން ކަމެއް ވިދާޅެއް ނުވެއެވެ.