އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނި، އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.
މީސްމީޑިއާ ގައި އައިޖީއެމްއެޗް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެންއައިސީޔޫގައި ތިބި ނާޒުކު ހާލަތުގައިވާ މަދު ކުދިންތަކެއްގެ ކިބައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށެވެ.
މި ކަން ފާހަގަކުރެވުމާއެކު، ވަގުތުން އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.
"މިހާރު ހާލަތު ރަނގަޅަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ބެކްޓީރިއާ އިތުރަށް ފެތުރެމުންދާކަން މިހާރު ފާހަގަ ނުވާ ކަމަށް" އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.
އައިޖީއެމްއެޗްއިން އިތުރަށް ބުނެފައިވަނީ، މިފަދަ ބެކްޓީރިއާތަކަކީ ކްރިޓިކަލް ކެއާ ދޭ ތަންތަނުގައި، ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ބަލިމީހުންގެ މެދުގައި ފެތުރުން އެކަށީގެންވާ އެއްޗެއް ކަމަށެވެ. އަދި ހުރިހާ ބަލިމީހުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް އައިޖީއެމްއެޗްއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ނުރައްކާތެރި ބެކްޓީރިއާތައް ފެތުރުމަކީ ހޮސްޕިޓަލްތަކުގައި ޚާއްޞަކޮށް ނާޒުކު ހާލަތުގައި ތިބޭ ބަލިމީހުންނަށް ނުރައްކާތެރި ކަމެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!