ދުނިޔޭގެ އެންމެ މަޤްބޫލު އޮންލައިން އެންސައިކްލޮޕީޑިއާ ކަމުގައިވާ ވިކިޕީޑިއާ އަޕްޑޭޓްކޮށް އެޑިޓްކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާކަން ހާމަކޮށްފިއެވެ. ނަމަވެސް މި ސްޓްރެޓެޖީގައި އިންސާނީ އެޑިޓަރުންނާއި ވޮލަންޓިއަރުން ބަދަލުކުރުމެއް ނުހިމެނެއެވެ.

ބުދަ ދުވަހު ހާމަކުރި މި ސްޓްރެޓެޖީގައި ވިކިޕީޑިއާއިން ބުނެފައިވަނީ އޭއައި ބޭނުންކުރާނީ އެޑިޓަރުންނާއި މޮޑެރޭޓަރުންނަށް އެމީހުންގެ މަސައްކަތް ފަސޭހަކޮށްދިނުމަށް ކަމަށެވެ. މިގޮތުން ޓެކްނިކަލް ހުރަސްތައް ނައްތާލައި، އެމީހުންގެ މަސައްކަތް ކުރުމަށް ބޭނުންވާ އާ ވަސީލަތްތައް ތަޢާރަފުކުރާނެ ކަމަށް ބުނެފައިވެއެވެ.

Ad
rt

އޭއައި އިން މީހުންގެ ވަޒީފާތަކަށް އަސަރުކުރާނެ ކަމުގެ ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، ވިކިޕީޑިއާއިން ބުނެފައިވަނީ އޭއައި ބޭނުންކުރާނީ މީހުންގެ މަސައްކަތް ފަސޭހަކޮށްދިނުމަށް ކަމަށެވެ. އަދި އޭއައި ބޭނުންކުރާނީ އެ ޓެކްނޮލޮޖީ ރަނގަޅަށް މަސައްކަތްކުރާ ދާއިރާތަކުގައި ކަމަށްވެސް ބުނެފައިވެއެވެ.

މީގެ ތެރޭގައި ތަކުރާރުކޮށް ކުރަންޖެހޭ މަސައްކަތްތައް އޮޓޮމޭޓްކުރުމާއި، ވިކިޕީޑިއާގައި މަޢުލޫމާތު ހޯދުން ފަސޭހަކުރުން ހިމެނެއެވެ. މިކަމުގެ ސަބަބުން އެޑިޓަރުންނަށް ވިކިޕީޑިއާގެ މާއްދާތައް އުފެއްދުމާއި، ބަދަލުކުރުމާއި، އަޕްޑޭޓްކުރުމުގައި އިތުރު ވަގުތު ލިބިގެންދާނެ ކަމަށް ވިކިޕީޑިއާއިން ބުނެފައިވެއެވެ.