ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިރޭ ހުޅުވާލައިފިއެވެ.

އެ ފުރުސަތު ހުޅުވާލައި ދިފާއީ ވުޒާރާއިން ކުރި ޢިއުލާންގައި ވާގޮތުން މި ފުރުސަތުގެ ދަށުން ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އަދި އުމުރުން 16 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިވާން އެދޭނަމަ، އެ ކުއްޖަކު މި ޚިދުމަތުގައި ބައިވެރިވުމާމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއްނެތް ކަމުގެ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

Ad
rt

މީގެ އިތުރުން މިކަމަށް ކުރިމަތިލާ ޒުވާނުންނަކީ ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ޚިދުމަތްކުރެވޭނެފަދަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވާންޖެހެއެވެ. ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިކުރެވޭ ޒުވާނުން ހޮވާނީ، އެކަމަށް ކުރިމަތިލާ މީހުންގެ މެޑިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައިކަމަށް ދިފާއީ ވުޒާރާގެ އިއުލާންގައި ވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭން ހަމަޖެހިފައިވާއިރު، އަދި ޕުރޮގުރާމުގެ ދަށުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު، ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުޞަތު ވެސް ލިބިދެވެެއެވެ.

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުޞަތު ހުޅުވާލަނީ

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އީމޭލު މެދުވެރިކޮށް ނުވަތަ ދިފާއީ ވުޒާރާގެ ރިސެޕްޝަނަށް ވެސް ހުށަހެޅެއެވެ. އީމޭލު މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، applyfor.mns@defence.gov.mv އަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 1 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3035830 ނަންބަރު ފޯނަށް ގުޅުމަށް ދިފާއީ ވުޒާރާއިން އެދިފަވެއެވެ.