ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލާއި ޕީއެސްޖީ ބައްދަލުކުރި މެޗު ހަނިގޮތަކަށް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރުސަތު ޕީއެސްޖީން ބޮޑުކޮށްފިއެވެ.
ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމްވާދަކުރާ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާގައި އޮންނާނީ ޕީއެސްޖީގެ ދަނޑުގައެވެ.
ރޭ މެޗުގެ ފެނިގެންދިޔަ ހަމައެކަނި ލަނޑު ހަތަރު ވަނަ މިނެޓުގައި ޕީއެސްޖީއަށް ޖަހައިދިނީ ޑެމްބެލޭއެވެ. އަރިމަތިން ބޯޅަ ހިފައިގެން އަރާ ކްވަރަސްޚޭލިއާ ޖައްސާލި ބޯޅަ ޑެމްބެލޭވަނީ އެއްފަހަރުން ޖަހައި ގޯލުގެ ދުރުކަނަށް ވައްދާލާފައެވެ. މިއީ ޑެމްބެލޭ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން ޖެހި 33 ވަނަ ލަނޑެވެ. އޭނާއަށްވުރެ ގިނައިން މި ސީޒަންގައި މިހާތަނަށް ލަނޑުޖަހާފައި ވަނީ ތިން ކުޅުންތެރިއެކެވެ. އެއީ ލެވަންޑޯސްކީއާއި ކޭންގެ އިތުރުން އެމްބާޕޭއެވެ.
ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ޕީއެސްޖީގެ ޑުއޭ ފޮނުވާލި ނުރައްކާތެރި ހަމަލާ އާސެނަލްގެ ކީޕަރ ރަޔާ މަތަކުރިއިރު، ފުރަތަމަ ހާފުގައި އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދޭން މާޓިނެލީ ހުހަށް އަރައި ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ރޭ މެޗުގައި މޮޅު ކުޅުމެއްދެއްކި ޕީއެސްޖީގެ ޑޯނަރުންމާއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދެވަނަ މިނެޓުގައި އާސެނަލުން ލަނޑެއްޖެހިއެވެ. ހިލޭ ޖެހުމަކުން ރައިސް ނަގައިދިން ބޯޅަ މެރީނޯ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ރެފްރީ އެ ލަނޑު ކެންސަލް ކޮށްލީ އޮފްސައިޑް ވުމުންނެވެ. މެޗުގައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދޭން ރާމޯސް ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ލަގުގައި މިރޭ އިންޓަ މިލާނާއި ބާސެލޯނާ ވާދަކުރާނެއެވެ. މިރޭ 0000 ގައި ފަށާ މި މެޗު ކުޅޭނީ ބާސާގެ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!