ރެޑިޓް ޕްލެޓްފޯމުން އޭގެ މެޝިން ލާރނިންގ ޓެކްނޮލޮޖީއަށް ބިނާކޮށް ތަރުޖަމާކުރުމުގެ އޭއައި ފީޗާއަށް ހިންދީ ބަސް ތަޢާރަފްކޮށްފިއެވެ. މި ސޯޝަލް މީޑިއާ ޕްލެޓްފޯމުން ބަންގާޅީ ބަހުގެ ތަރުޖަމާވެސް ވަރަށް އަވަހަށް ތަޢާރަފްކުރާނެކަން ހާމަކޮށްފައިވެއެވެ.
މި އޮޓޮމެޓިކް ތަރުޖަމާ ފީޗަރ ފުރަތަމަ ތަޢާރަފްކުރެވުނީ 2024 ސެޕްޓެމްބަރުގައި 35 ޤައުމެއްގައެވެ. މި ފީޗާއިން ޔޫޒަރުންނަށް އެމީހުން ބޭނުންވާ ބަހަކުން ޕޯސްޓްތަކާއި ކޮމެންޓްތައް ކިޔައި، ޕޯސްޓްކުރުމުގެ ފުރުޞަތު ދެއެވެ.
ރެޑިޓަށް އިތުރުކުރި މި ތަރުޖަމާ ފީޗާ އައިސްފައިވަނީ ރެޑިޓްއިން އިންޑިއާގައި ފާއިތުވި ހަފްތާގައި އޭގެ އޭއައި ޗެޓްބޮޓް ތަޢާރަފްކުރުމަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. މި ޗެޓްބޮޓް، މިހާރު ބީޓާ ވަރޝަންގައި، ސުވާލުތަކަށް ޖަވާބުދީ ރެޑިޓް ކޮމިއުނިޓީތަކުގައިވާ ކޮންޓެންޓް ޚުލާޞާކުރުމުގެ ޤާބިލުކަން ލިބިފައިވެއެވެ. ނަމަވެސް މި ޗެޓްބޮޓް މަސައްކަތް ކުރަނީ އަދި ހަމައެކަނި އިނގިރޭސި ބަހަށެވެ.
މޮބައިލް އަދި ޑެސްކްޓޮޕް ވަރޝަންތަކުގައި ޔޫޒަރުންނަށް މި ތަރުޖަމާ ފީޗަރ ބޭނުންކުރެވޭއިރު، ތަރުޖަމާ އައިކަންއަށް ކްލިކް ކޮށްލުމުން ތަރުޖަމާ ކުރަން ބޭނުންވާ ބަސް ނެގުމުގެ އޮޕްޝަން ލިބިގެންދާނެއެވެ.
ރެޑިޓްގެ މި އާ އޭއައި ތަރުޖަމާ ފީޗަރ ތަޢާރަފްކުރުމަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވާ ޔޫޒަރުންނަށް އެ ޕްލެޓްފޯމުގެ ގުޅުން އިތުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. 2005 ވަނަ އަހަރު ތަޢާރަފްކުރެވުނު ރެޑިޓްއަކީ މިހާރު ގާތްގަނޑަކަށް 57 މިލިއަނަށްވުރެ ގިނަ ޑެއިލީ އެކްޓިވް ޔޫޒަރުން ތިބި ޕްލެޓްފޯމެކެވެ. ޚާއްޞަކޮށް އިންޑިއާގައި ފާއިތުވި އަހަރުތަކުގައި ރެޑިޓްގެ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މި ފަދަ ޓެކްނޮލޮޖީއަކީ ވަރަށް މުހިންމު ކަމެކެވެ.
މީގެ ކުރިން ރެޑިޓް ޕްލެޓްފޯމުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންޓެންޓް ތަރުޖަމާކުރުމަށް ތާރޑް ޕާޓީ އެކްސްޓެންޝަންތަކަށް ބަރޯސާވާން ޖެހުނެވެ. އެހެންނަމަވެސް މި ފީޗަރއާއެކު ޔޫޒަރުންނަށް ފަސޭހައިން އެ ޕްލެޓްފޯމްގައި ކޮމިއުނިކޭޓްކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!