ޕާކިސްތާނުގެ ސަރަޙައްދީ މިނިވަންކަމަށް ނުރައްކާވާގޮތަށް އިންޑިއާގެ ޑްރޯނެއް ޕާކިސްތާނުގެ ސަރަޙައްދަށް ވަދެއުޅުނުކަމަށް ބުނެ، އެ ޑްރޯން ވައްޓާލައިފިއެވެ.
ޕާކިސްތާނުގެ ސަރުކާރުގެ ޓެލެވިޜަނުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ދެ ޤައުމުގެ ދެމެދުގައިވާ ކޮންޓްރޯލް ލައިނާ ކައިރިން ކަމަށެވެ.
ޕާކިސްތާނުގެ ތިން ސެކިއުރިޓީ އޮފިޝަލުން އެސޯސިއޭޓެޑް ޕްރެސްއަށް ދިން މަޢުލޫމާތުގައި، މި ޑްރޯން ވަނީ ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރަޙައްދަށް ސަތޭކަ ފޫޓުތަކެއްގެ އުސްމިނަށް ވަދެފައެވެ. މި އޮފިޝަލުން ވަނީ އެމީހުންގެ ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން މި މަޢުލޫމާތު ދީފައެވެ.
މި ހާދިސާއާ ގުޅޭގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގްގެ އޮފީހުން އަދި އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. މި ހަމަލާއާ ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނަށް ދޫކޮށްފައިވާ ވިސާތައް ބާޠިލުކޮށް، އަދި ޕާކިސްތާނަށް ދޭ ފެނުގެ ސަޕްލައި ހުއްޓާލާނެކަމުގެ އިންޒާރު ދީފައެވެ.
އިންޑިއާއިން މި ހަމަލާ ސިފަކޮށްފައިވަނީ "ޓެރަރިސްޓު ހަމަލާއެއް" ގެ ގޮތުގައެވެ. އަދި މި ހަމަލާގެ ފަހަތުގައި ޕާކިސްތާން އޮތްކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މި ހަމަލާއާ އެއްވެސް ގުޅުމެއް އޮތްކަން ދެކޮޅުހަދާފައެވެ. މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ކުރިން ނޭނގޭ "ކަޝްމީރު ރެސިސްޓަންސް" ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާޢަތަކުންނެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ކޮންޓްރޯލް ލައިނާ ކައިރީގައި ދެ ޤައުމުގެ ސިފައިންގެ މެދުގައި ހިނގާ ބަޑިޖެހުމުގެ ހާދިސާތައްވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!