ރަޝިޔާ އާއި ޔޫކްރެއިނުން އެއްބާރުލުން ނުދޭނަމަ މަޝްވަރާތަކުން އެކަހެރިވާން ޖެހިދާނެކަމަށް އެމެރިކާއިން އަންގައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ރަޝިޔާ އާއި ޔުކްރެއިން އާ ދެމެދު ހިނގަނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ދެ ފަރާތުން "ވަކި ހުށަހެޅުންތަކެއް" ހުށަނާޅާނަމަ، މެދުވެރިއެއްގެ ގޮތުގައި އެމެރިކާއިން އަދާކުރަމުންދާ ދައުރުން ފަހަތަށް ޖެހޭނެކަމަށް ބުނެފައެވެ.

Ad
rt

ސްޓޭޓް ޑިޕާޓްމަންޓުގެ ސްޕޯކްސްޕަރސަން ޓެމީ ބްރޫސް ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ދެ ފަރާތުން މި ހަނގުރާމަ ނިންމާލުމަށް ވަކި ހުށަހެޅުންތަކެއް ހުށަހަޅަންޖެހޭ ވަގުތު އައިސްފައިވާ ކަމަށެވެ.

"މިހިސާބުން ކުރިއަށް ދާނެ ގޮތެއް ނިންމުމަކީ މިހާރު ރައީސް (ޑޮނަލްޑް ޓްރަމްޕް) އަށް ނިސްބަތްވާ ކަމެއް. ކުރިއެރުމެއް ނުފެންނަ ނަމަ، އަޅުގަނޑުމެން މި މައްސަލައިގައި މެދުވެރިއެއްގެ ގޮތުގައި އަދާކުރަމުންދާ ދައުރުން ފަހަތަށް ޖެހޭނަން،" ބްރޫސް ބުނެފައިވެ އެވެ.

އެމެރިކާއިން މިއިންޒާރު ދީފައިވަނީ އެމެރިކާގެ އިސް އޮފިޝަލުން، އޭގެ ތެރޭގައި ޓްރަމްޕް، ރޫބިއޯ އަދި ނައިބު ރައީސް ޖޭޑީ ވޭންސް ހިމެނޭ ގޮތަށް، އެއް ހަފްތާއަށް ވުރެ ގިނަ ދުވަހު އެމެރިކާގެ ސަރުކާރުން ކީވް އަދި މޮސްކޯއަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ބާރު އަޅާފައި ވަނިކޮށެވެ.

ރަޝިޔާއިން ވަނީ މޭ 8 އިން 10 އަށް ތިން ދުވަހުގެ ވަގުތީ ހުއްޓުމެއް އަމިއްލައަށް އިޢުލާނުކޮށްފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓް ޔޫނިއަނުން ނާޒީ ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ތައްޔާރުވަމުންދާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.