ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެ، ހދ. ހަނިމާދޫގެ ދެކުނުން ކަރަންޓް ކެނޑިއްޖެއެވެ.
ހަނިމާދޫން ކަރަންޓް ކެނޑިފައި ވަނީ އެރަށުގެ ދެކުނު ސަރަހައްދުގައި ހޮނޑައިދޫ އާއި ހަތިފުށިން ހިޖުރަކުރި މީހުން ދިރިއުޅޭ ސަރަހައްދުންނެވެ.
ހަނިމާދޫން ވާހަކަދެއްކި މީހަކު ބުނީ ކަރަންޓް ދިޔަވަގުތު ބައެއް ގޭތަކުގައި ހުރި އިލެކްޓްރޯނިކް ތަކެތިން އަލިފާން އަރައި، ގިނަ އަދަދެއްގެ ތަކެތި އަނދައި ގެއްލުންވެފައިވާ ކަމަށެވެ.
’’ކަރަންޓް ވަރަށް ދަށްކޮށްލިބޭތާ ދުވަސްތަކެއް ފަހުން މިހެން މިވީ’’ އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
މިވަގުތު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި މީހަކު ބުނީ އެއާޕޯޓުން ވެސް ކަރަންޓް ދިޔަކަމަށެވެ. އެއާޕޯޓަށް ބޭނުން ކުރަނީ ވެސް ފެނަކައިން ދޫކޮށްފައި ހުންނަ ކަރަންޓެވެ. ނަމަވެސް އިމަޖެންސީގައި ކަރަންޓް ބޭނުންކުރެވޭނެ އިންތިޒާމް އެއާޕޯޓުގައި ހުރެއެވެ.
ހަނިމާދޫން ކަރަންޓް ކެނޑުނު ސަރަހައްދަށް ކަރަންޓް ދިނުމުގެ މަސައްކަތް ހަނިމާދޫ ފެނަކަ މުވައްޒަފުން ކުރަނީ، ފޮޓޯ: ކިޔުންތެރިއެއް
ހަނިމާދޫން ކަރަންޓް ކެނޑުނު ސަރަހައްދަށް ކަރަންޓް ދިނުމުގެ މަސައްކަތް ހަނިމާދޫ ފެނަކަ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.
މިރޭގެ ވަގުތެއްގައި ކަރަންޓް ދެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

ހަނިމާދޫ ދެކުނު ސަރަހައްދުން ކަރަންޓްކެނޑި މީހުންގެ އަގުބޮޑެތި ތަކެއްޗަށް ގެއްލުންވެ ހަލާކުވެފައިވާކަމަށް ބުނެ، އެރަށަށް ނިސްބަތްވާ މީހުން މީސްމީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަނިމާދޫގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ވަރަށް ފަހުން އެރަށަށް ކޭބަލް ގެންގޮސްފަައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކަރަންޓްގެ މައްސަލަ ރާއްޖޭގެ އެކި ރަށްތަކަށް ކުރިމަތިވަމުން އަންނަތާ މިހާރު އަހަރުތަކެއް ވަނީ ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!