ޣައްޒާއިން މިހާތަނަށް 18،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އާދީއްތަ ދުވަހު ބުނެފިއެވެ.

މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ އިތުރުން 12,400 އަންހެނުން ވެސް ޝަހީދުވެފައިވާ ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ން ފެށިގެން ހިނގަމުންދާ މި ހަނގުރާމައިގައި 2,180 އާއިލާ މުޅިން ނެތިގޮސްފައިވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ 5,070 އާއިލާއިން މިހާރު ދިރިއުޅެނީ އެންމެ މެންބަރެއް ކަމަށެވެ. އިސްރާއީލުގެ ޙަމަލާތަކުގައި 1,400 މެޑިކަލް މުވައްޒަފުންނާއި، 212 ނޫސްވެރިން، އަދި 750 އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތްތެރިން ޝަހީދުވެފައިވެއެވެ. މި ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެ، ހަޤީޤަތް އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަން ބަޔާނުގައި ބުނެފައިވެއެވެ.

ދިފާޢީ ޙައްޤުތަކާއި ބެހޭ ޖަމްޢިއްޔާތަކުން ނަގާފައިވާ އިސްރާއީލީ ޕައިލެޓުންނާއި އަސްކަރީ ލީކްތަކުން ހާމަވާގޮތުގައި، މަދަނީ ގޭގެއާއި ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް ކަނޑައެޅިގެން ރޭވިފައިވާކަން ހާމަވެފައިވެއެވެ.

"ޙަޤީޤަތުގައި ޣައްޒާގައި މަދަނީ ރައްޔިތުންނަށް ޙަމަލާދިނުމަކީ އިސްރާއީލުގެ ހަމަނުޖެހުމުގެ ސިސްޓަމެޓިކް ސިޔާސަތެއްކަން، އަދި ގަތުލުއާންމުގެ ކުށްތަކާއި ނަސްލު ނައްތާލުމުގެ ރޭވުމުގެ ތެރެއިން ހިންގާ ކަމެއްކަން" ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ހަނގުރާމަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ 52,200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް އެބަޔާނުގައި ވެއެވެ.