އިނގިރޭސި އެފްއޭ ކަޕް ފައިނަލުން މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ޖާގަ ހޯދައިފިއެވެ. ސިޓީން ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ރޭ ކުޅުނު ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްގެންނެވެ.
މިއީ އެފްއޭ ކަޕް ފައިނަލުން ޖެހިޖެހިގެން ސިޓީން ޖާގަ ހޯދި ތިންވަނަ ފަހަރެވެ. ފާއިތުވި ސީޒަންގައި ސިޓީ ވަނީ ފައިނަލުގައި ޔުނައިޓެޑް އަތުން ބަލިވެފައެވެ. ނަމަވެސް އޭގެ ކުރީ ސީޒަންގައި އެފްއޭ ކަޕް އުފުލައިލީ ސިޓީންނެވެ. ސިޓީން ވަނީ ޖުމްލަ ހަތްފަހަރެއްގެ މަތީން އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދާފައެވެ.
ރޭ ކުޅުނު ސެމީ ފައިނަލު މެޗުގައި ސިޓީން ވަނީ ދެވަނަ މިނެޓުގައި ފޮރެސްޓް ކޮޅަށް ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ރިކޯ ލެވިސްއެވެ. ސިޓީގެ ދެވަނަ ލަނޑު 51 ވަނަ މިނެޓުގައި ޖަހައިދިނީ ގްވާޑިއޯލްއެވެ.
ސެމީ ފައިނަލުގައި އެސްޓަން ވިލާއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕެލަސް އިން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.
ޕެލަސްއަށް ލަނޑުތައް ޖަހައދިނީ އެޒޭގެ އިތުރުން ސާ އެވެ. ސާ ވަނީ މެޗުގައި ދެ ލަނޑު ޖަހައިދީފައެވެ. ޕެލަސްއަށް އެފްއޭ ކަޕް މިހާތަނަށް ކާމިޔާބު ކުރެވިފައި ނުވާއިރު މިއީ އެ ޓީމުން ފައިނަލުގައި ކުޅޭ ތިންވަނަ ފަހަރެވެ.
ސިޓީއާއި ޕެލަސް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެރޭ ވެމްބްލީ ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!