އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ކާމިޔާބުކޮށް، ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން އަރާ ހަމަކޮށްފިއެވެ.

ލިވަޕޫލުން ވިހިވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މިވަނީ ރޭ ލީގުގައި 5-1 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްގެންނެވެ. ރޭ މެޗަށް ނުކުތްއިރު ލީގު ކަށަވަރު ކުރުމަށް ލިވަޕޫލަށް ބޭނުންވެފައި އޮތީ ވެސް އެންމެ ޕޮއިންޓެކެވެ. އަދި ލީގުގައި ބާކީ ލިވަޕޫލަށް ހަތަރު މެޗު އެބައޮތެވެ.

Ad
rt

ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިމިވަނީ 31 މެޗުން 82 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 34 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ.

މިއީ 1990 ވަނަ އަހަރުގެ ފަހުން ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ލިބުނު ދެ ވަނަ ފަހަރެވެ. އެ ޓީމުން، އެންމެ ފަހުން ލީގު ހޯދީ 2020 ވަނަ އަހަރުއެވެ. އިނގިރޭސި ލީގު ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް މިހާރު އޮތީ ލިވަޕޫލާއި ޔުނައިޓެޑްގެ އަތުގައެވެ.

ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޓޮޓެންހަމް އިންނެވެ. އެ ޓީމަށް 12 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގައިދިނީ ސޮލަންކޭއެވެ. ނަމަވެސް ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ލަނޑުޖަހައި އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ޑިއާޒް، މެކަލިސްޓާގެ އިތުރުން ގަކްޕޯއެވެ. ލިވަޕޫލުގެ ހަތަރުވަނަ ލަނޑު ސަލާހް ޖަހައިދިން އިރު ފަސްވަނަ ލަނޑަކީ ޓޮޓެންހަމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.