ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 52،200 އިން މައްޗަށް އަރައިފިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން އިއްޔެ ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 52،243 އަށް އަރައިފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 51 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި 115 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މިއާއެކު މިހާތަނަށް ޒަޚަމްވެފައިވާ މީހުންގެ އަދަދު 117،639 އަށް އަރައިފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
"މިހަމަލާތަކުގެ ސަބަބުން ގިނަބަޔަކު އަދިވެސް ވަނީ ތަޅާލެވިފައިވާ އިމާރާތްތަކުގެ ތެރޭގައާއި މަގުމަތީގައި ކަމަށާއި އެމީހުންނާ ހަމައަށް ދިއުމަށް ސަލާމަތްކުރާ ފަރާތްތަކަށް ނުކުޅެދިފައިވާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، 697 މީހެއްގެ މަޢުލޫމާތު ފުރިހަމަކޮށް ޔަގީންކުރުމަށްފަހު، އެމީހުންގެ ނަންތައް ވަނީ ޝަހީދުންގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.
އިސްރާއީލުގެ ސިފައިން މާރިޗު 18 ގައި ޣައްޒާއަށް އަލުން ހަމަލާދޭން ފެށުމަށްފަހު، މިހާތަނަށް 2،151 މީހުން ޝަހީދުކޮށްލައި، 5،598 މީހުން ޒަޚަމްކޮށްފައިވެއެވެ. މިއީ ޖަނަވަރީ މަހު ވެވުނު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާއި ގައިދީން ދޫކޮށްލުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އަލުން ފެށި ހަމަލާތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!