މޮޓޮރޯލާއިން އެ ކުންފުނީގެ އަމިއްލަ އާޓިފިޝަލިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، މޮޓޯ އޭއައި އަށް ބޮޑެތި އަޕްގްރޭޑްތަކެއް ގެނެސްފިއެވެ.

ބުރާސްފަތި ދުވަހު އިޢުލާނުކުރި ގޮތުގައި، ލެނޯވޯގެ ދަށުން ހިންގާ މި ބްރޭންޑުން މޮޓޯ އޭއައި އަށް އައު 4 ފީޗަރ ވަނީ އިތުރުކޮށްފައެވެ. އެއީ ނެކްސްޓް މޫވް، ޕްލޭލިސްޓް ސްޓޫޑިއޯ، އިމޭޖް ސްޓޫޑިއޯ އަދި ލުކް އެންޑް ޓޯކްއެވެ.

Ad
rt

މީގެ އިތުރުން، މޮޓޮރޯލާއިން ގޫގުލް، މެޓާ، މައިކްރޯސޮފްޓް އަދި ޕަރްޕްލެކްސިޓީ ފަދަ ބޮޑެތި އޭއައި ކުންފުނިތަކާ ގުޅިގެން އެ ކުންފުނިތަކުގެ ޚިދުމަތްތައް މޮޓޯ އޭއައި އާ އިންޓަގްރޭޓް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. މި އިންޓެގްރޭޝަންގެ ތެރޭގައި ޝަރުތު ހަމަވާ ޑިވައިސްތަކަށް ޕަރްޕްލެކްސިޓީ ޕްރޯ އަދި ގޫގުލް ވަން އޭއައި ޕްރީމިއަމްގެ 3 މަހުގެ ހިލޭ ޓްރަޔަލް ހިމެނެއެވެ.

މޮޓޯ އޭއައި ޗެޓްބޮޓް އަދިވެސް ވަނީ ބީޓާ ޓެސްޓިންގ މަރުހަލާގައެވެ. މޮޓޮރޯލާއިން ނިއުސްރޫމް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 2024 ގެ ޑިސެމްބަރުގައި ވަކި ޑިވައިސްތަކަކަށް އޯޕަން ބީޓާ ޕްރޮގްރާމެއްގެ ގޮތުގައި ތަޢާރަފުކުރި މޮޓޯ އޭއައިގެ ބޭނުންކުރެވޭނެ ދާއިރާ އިތުރުކޮށް، އިތުރު ޔޫޒަރުންނަށް ފޯރުކޮށްދެމުންދެއެވެ. މިހާރު މޮޓޯ އޭއައި ލިބެން ހުންނާނީ އެންމެ ފަހުގެ ޖީލުގެ ރޭޒަރ އަދި އެޖް ޑިވައިސްތަކުގައެވެ.

އެ ކުންފުނިން ބުނާ ގޮތުގައި އެތައް ހާސް ޔޫޒަރުން މޮޓޯ އޭއައި އަދި އޭގެ މިހާރުގެ ފީޗަރތައް ކަމަށްވާ ކެޗް މީ އަޕް، ޕޭ އެޓެންޝަން އަދި ރިމެމްބަރ ދިސް، ޓެސްޓުކުރުމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް، "ރަނގަޅު ވަގުތުތަކުގައި ރަނގަޅު ފީޗަރތައް ބޭނުންކުރުމަށް އިތުރު އިރުޝާދު" ބޭނުންވާކަމަށް ބޭނުންކުރާ ފަރާތްތަކުން ފީޑްބެކް ދީފައިވާކަމަށްވެސް ބުނެފައިވެއެވެ. މި ފީޑްބެކްގެ މައްޗަށް ބިނާކޮށް، މިހާރު ދަނީ ކުރިން ހުރި ފީޗަރތައް އިތުރަށް ރަނގަޅުކޮށް، އައު ތަޖުރިބާތަކެއް އިތުރުކުރަމުންނެވެ.