ޣައްޒާގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމަށާއި، އެންމެ ފަހުގެ ކާނާގެ ސްޓޮކް ވެސް ހުސްވެއްޖެކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)އިން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި އދ. ގެ އޭޖެންސީން ބުނީ ޣައްޒާގެ އާއިލާތަކަށް ފޯރުކޮށްދޭ ހުރިހާ ކާބޯތަކެތީގެ ސްޓޮކް މިހާރު ވަނީ ހުސްވެފައި ކަމަށެވެ.
ޑަބްލިއުއެފްޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރޗް 2 އިން ފެށިގެން ޣައްޒާގެ ބޯޑަރު ކްރޮސިންގްތައް ބަންދުވެފައިވާތީ، އެންމެ ފަހުން ބާކީ ހުރި ކާބޯތަކެތި ޣައްޒާގެ ހޮޓް މީލްސް ކިޗަންތަކަށް ފޯރުކޮށްދޮށްދީފައިވާ ކަމަށެވެ. މި ކިޗަންތަކަކީ ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ދުވާލަކަށް ބޭނުންވާ ކާނާގެ 25 އިންސައްތަ ފޯރުކޮށްދޭ މުހިންމު ވަސީލަތެކެވެ. ނަމަވެސް މިހާރު މި ކިޗަންތަކުގެ ސްޓޮކްވެސް ދުވަސްތަކެއްގެ ތެރޭގައި ހުސްވާނެ ކަމަށް ލަފާކުރެވެއެވެ.
ޑަބްލިއުއެފްޕީން އިތުރަށް ހާމަކުރި ގޮތުގައި، އެ އޭޖެންސީން އެހީތެރިކަން ފޯރުކޮށްދެމުން އައި 25 ބޭކަރީ ވަނީ މާރޗް 31 ގައި ބަންދުކުރަން ޖެހިފައެވެ. މިއީ ގޮދަން ފުށާއި ކައްކާ ތެޔޮ ހުސްވުމުގެ ސަބަބުންނެވެ. އަދި އާއިލާތަކަށް ބަހަމުން އައި ކާބޯތަކެތީގެ ޕާރސަލްތައްވެސް ވަނީ ހަމަ އެ ހަފްތާގައި ހުސްވެފައެވެ.
މި އދ. ގެ އޭޖެންސީން އިންޒާރު ދީފައިވަނީ ސާފު ފެނާއި ކައްކާ ތެލުގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ ސަބަބުން މީހުން ވަނީ ކާއެއްޗެހި ކައްކަން ބޭނުންކުރާނެ އެއްޗެހި ހޯދަން މަޖުބޫރުވެފައެވެ.
ޣައްޒާގެ މައިގަނޑު ބޯޑަރު ކްރޮސިންގްތައް ވަނީ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބަންދުކުރެވިފައެވެ. 7 ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެ އެއްވެސް އިންސާނީ އެހީއެއް ނުވަތަ ވިޔަފާރީގެ މުދަލެއް ޣައްޒާއަށް ނުވަދެއެވެ. ޑަބްލިއުއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ހުއްޓުމާ އަޅާބަލާއިރު ކާބޯތަކެތީގެ އަގުތައް ވަނީ 1،400 އިންސައްތައަށް އަރާފައެވެ. އަދި އަސާސީ ތަކެތި ވަނީ ނުހަނު މަދުވެފައެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، ގާތުން ކިރުދޭ މައިންނާއި، އުމުރުން ދުވަސްވީ މީހުންފަދަ ނާޒުކު ގްރޫޕްތަކުގެ ކެއުމުގެ ކަންތައްތަކާމެދު ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!