އެމެރިކާގެ ނިއު ޖާސީގައި ހިނގަމުންދާ ބޮޑު އަލިފާނުގެ ސަބަބުން ނިއުޔޯކް ސިޓީގެ ވައި ކޮލިޓީއަށް ނުރައްކާތެރި އަސަރުކޮށްފައިވާތީ، އެ ސިޓީއާއި އޭގެ ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ 10 މިލިއަނަށްވުރެ ގިނަ މީހުން ގޭގައި މަޑުކުރުމަށް އިރުޝާދު ދީފިއެވެ.

ނިއު ޖާސީގެ އޯޝަން ކައުންޓީގައި އަންގާރަ ދުވަހުން ފެށިގެން ހިނގަމުންދާ މި އަލިފާން ފެތުރި، މިހާތަނަށް 15,000 އެކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައިފައިވެއެވެ. އަލިފާން ކޮންޓްރޯލު ކުރުމުގެ މަސައްކަތް 50 ޕަސެންޓަށް ކުރެވިފައިވާއިރު، މި ހަފްތާ ނިމުމުގެ ކުރިން ވާރޭ ވެހިއްޖެނަމަ، އަލިފާން މުޅިން ކޮންޓްރޯލް ކުރެވިދާނެކަމަށް ބެލެވެއެވެ.

Ad
rt

އަލިފާނުގެ ކެމިކަލް މާއްދާތަކާއި ނުރައްކާތެރި ކުދި ޕާޓިކަލްތައް (PM2.5) ހިމެނޭ ދުމުގެ ސަބަބުން އެތެރެ ހަށީގެ ނިޒާމަށާއި ހިތުގެ ބަލިތަކަށް އަސަރުކުރުމުގެ އިތުރުން، ކެންސަރާއި ޑިމެންޝިއާގެ ނުރައްކާވެސް އިތުރުވެއެވެ.

ނިއުޔޯކް ސިޓީގެ ހުރިހާ ސަރަހައްދެއް، ވެސްޗެސްޓަރ، ރޮކްލެންޑް އަދި ލޮންގް އައިލެންޑް ހިމެނޭ ގޮތަށް ވަނީ ބުރާސްފަތި ދުވަހު ޞިއްޙީ އިންޒާރު ދީފައެވެ.

މި އަލިފާނަކީ 19 އަހަރުގެ ޖޯސެފް ކްލިންގް ކިޔާ ޒުވާނަކު ބޮންފަޔަރެއް ރަނގަޅަށް ނިއްވާނުލައި ދިޔުމުން ފެށުނު އަލިފާނެއްކަމަށް ތަޙްޤީޤުން ހާމަވެފައިވެއެވެ. މި ޒުވާނާ ހިފައި ހައްޔަރުކޮށްފައިވާއިރު، ގާތްގަނޑަކަށް ނިއު ޖާސީގެ 5,000 ވަޒަންވެރިން ވަގުތީގޮތުން ރައްކާތެރި ސަރަޙައްދު ތަކަށް ގެންދެވިފައިވެއެވެ.

މިއީ އެމެރިކާގައި 2007 ވަނަ އަހަރު ހިނގި ބޮޑު އަލިފާނަށްފަހު އެންމެ ގެއްލުންބޮޑު އަލިފާންކަމަށް އޮފިޝަލުން ބުނެއެވެ.