ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ޗެމްޕިއަންކަން ހޯދުމަށް ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފިއެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއިން ވަނީ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް މަޔޯކާ ބަލިކޮށް، ތާވަލުގެ އެއްވަނާގައި 7 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ރޭ ރެއާލާއި ގެޓާފޭ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓްގެ ފަރަގު ރެއާލުން ވަނީ ކުޑަކޮށްފައެވެ.

Ad
rt

ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާ އޮތީ 33 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލަށް 33 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ.

ކުރިއަށް އޮތް ހަފްތާ ބަންދުގައި ކޮޕް ޑެލް ރޭ ފައިނަލްގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ވާދަކުރާނެއެވެ. ވުމާއިއެކު ރޭ ރެއާލުން ވަނީ އެ ޓީމްގެ ފުރަތަމަ އެގާރާގައި އާންމުކޮށް ހިމެނޭ ބައެއް ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދީފައެވެ. ބެލިންހަމްއާއި ރޮޑްރިގޯ ފެށީ ބެންޗުންނެވެ. މިވަގުތު ސަސްޕެންޝަންގައި ހުރުމުން އެމްބާޕޭ ވެސް ރޭގެ މެޗުގައި ނުކުޅެއެވެ. ނަމަވެސް ކަޕް ފައިނަލް މެޗުގައި އޭނާއަށް ކުޅެވޭނެއެވެ.

ރޭ މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 21 ވަނަ މިނެޓުގައި ޖަހައިދިނީ އާދާ ގުލާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައި ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.