ކަޝްމީރުގެ ޕަހަލްގާމް ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާ ނޭވީގެ ލެފްޓިނަންޓް ވިނޭ ނަރުވާލް އާއި އޭނާގެ އަނބިމީހާ ހިމާންޝީ މަރުވެއްޖެއެވެ. މި ހަމަލާގައި ޖުމްލަ 26 ފަތުރުވެރިން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

މި ހަމަލާ ދިނީ އަންގާރަ ދުވަހު ބައިސަރަން ކިޔާ ފެހިކަން ގަދަ ސަރަހައްދެއްގައެވެ. މި ސަރަހައްދަކީ ޖައްމޫ އަދި ކަޝްމީރުގެ އަނަންތަނާގް ޑިސްޓްރިކްޓްގައި ހިމެނޭ ޕަހަލްގާމް ރަށާ ކައިރީގައިވާ ތަނެކެވެ.

Ad
rt

ނަރުވާލް އާއި ހިމާންޝީ ކައިވެނިކުރިތާ އަދި ހަމައެކަނި 6 ދުވަސް ވެފައިވަނިކޮށް މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އެ ދެމަފިރިން ހަނީމޫނުގައި އުޅެނިކޮށެވެ. އެ ދެމަފިރިންގެ ޢާއިލާގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ދެމަފިރިން އަސްލު ރާވާފައި އޮތީ ސުވިޒަލޭންޑަށް ދިއުމަށެވެ. ނަމަވެސް ވީޒާ ލިބުން ލަސްވުމާ ގުޅިގެން އެ ދެމަފިރިން ނިންމީ ޕަހަލްގާމަށް ދިއުމަށެވެ.

މި ހަމަލާ ދިނީ އެ ދެމަފިރިން ސްރީނަގަރަށް އައިތާ 48 ގަޑިއިރު ފަހުންނެވެ. މި ހާދިސާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައިރު، އެ ފޮޓޯގައި ފެންނަނީ ބިމުގައި އޮށޯވެފައިވާ މީހަކާއި އޭނާގެ ކައިރީގައި އަންހެނަކު އިށީނދެ އިންތަނެވެ.

ހިމާންޝީގެ ޢާއިލާއިން މި ފޮޓޯ ދެއްކުމުން، އެއީ ހިމާންޝީ އާއި އޭނާގެ ފިރިމީހާކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ނޭވީގެ އިސް ވެރިންވެސް މި ފޮޓޯގައި ފެންނަނީ ލެފްޓިނަންޓް ނަރުވާލް އާއި އޭނާގެ އަނބިމީހާކަން ކަށަވަރުކޮށްދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ސަލާމަތީ ބާރުތަކުން ތަޙްޤީޤު ފަށާފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި މި ހަމަލާ ދިން ފަރާތްތައް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.