ދުނިޔޭގެ ފުރަތަމަ 10ޖީ ބްރޯޑްބޭންޑް ނެޓްވޯކް ޗައިނާއިން ތަޢާރަފުކޮށްފިއެވެ.

ޗައިނާގެ ހެބޭ ޕްރޮވިންސްގެ ސުނަން ކައުންޓީގައި އޭޕްރިލް 20 ގައި ތަޢާރަފްކުރި މި ނެޓްވޯކް މިއީ އިންޓަނެޓް އިންފްރާސްޓްރަކްޗަރގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމެކެވެ.

Ad
rt

ވާވޭ އާއި ޗައިނާ ޔުނިކޮމްގެ އެއްބާރުލުމާއެކު ތަޢާރަފުކުރެވުނު މި ނެޓްވޯކުން 9،834 އެމްބީޕީއެސްގެ ޑައުންލޯޑް ސްޕީޑާއި، 1،008 އެމްބީޕީއެސްގެ އަޕްލޯޑް ސްޕީޑް ލިބޭނެއެވެ. އަދި ލޭޓަންސީ 3 މިލިސެކަންޑަށް ދަށްކުރެވޭނެއެވެ.

މި 10ޖީ ނެޓްވޯކް ހިންގަނީ 50ޖީ ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޕީއޯއެން) ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މި ޓެކްނޮލޮޖީއިން މިހާރު ބޭނުންކުރާ ފައިބަރ-އޮޕްޓިކް އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް ޑޭޓާ ފޮނުވުން އިތުރަށް ހަލުވިކޮށްދޭނެއެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްލައުޑް ކޮމްޕިއުޓިންގ، ވާރޗުއަލް އަދި އޯގްމެންޓެޑް ރިއަލިޓީ، 8ކޭ ވީޑިއޯ ސްޓްރީމިންގ އަދި ސްމާޓް ހޯމް ޑިވައިސްތައް އިންޓެގްރޭޓްކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.

މިސާލަކަށް، 1 ޖީބީޕީއެސްގެ ކަނެކްޝަނަކުން 4ކޭ ފިލްމެއް (20 ޖީބީ) ޑައުންލޯޑްކުރަން 7-10 މިނެޓު ނަގާއިރު، މި އައު 10ޖީ ބްރޯޑްބޭންޑް ނެޓްވޯކުން އެ ފިލްމު ޑައުންލޯޑްކުރަން ނަގާނީ 20 ސިކުންތަށްވުރެ ކުރު ވަގުތުކޮޅެކެވެ.

މި ކުރިއެރުމާއެކު، ޗައިނާ ވަނީ ދުނިޔޭގެ ބްރޯޑްބޭންޑް ޓެކްނޮލޮޖީގެ އެންމެ ކުރީ ސަފުގައެވެ. އަދި ޔޫއޭއީ އާއި ޤަޠަރު ފަދަ ޤައުމުތަކުގައި މިހާރު ބޭނުންކުރާ ވިޔަފާރީގެ ބްރޯޑްބޭންޑް ސްޕީޑްތައްވެސް ފަހަނައަޅާ ގޮސްފައެވެ.

10ޖީ ބްރޯޑްބޭންޑް ތަޢާރަފުކުރުމުން ޞިއްޙީ، ތަޢުލީމީ އަދި ދަނޑުވެރިކަމުގެ ދާއިރާތަކަށް ވެސް ކުރިއެރުން ލިބޭނެކަމަށް ބެލެވެއެވެ. އެއީ މި ޓެކްނޮލޮޖީގެ ސަބަބުން ޑޭޓާ ފޮނުވުން އިތުރަށް ހަލުވިވެ، އިތުބާރު ބޮޑުވާނެތީއެވެ.