ދެ ރީޖަނަލް ހޮސްޕިޓަލެއް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

އެގޮތުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް އެ ކުންފުންޏާއި ހަވާލުކުރެވުނު ދެ ހޮސްޕިޓަލަކީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

Ad
rt

މި ދެ ހޮސްޕިޓަލުގެ ތަރައްޤީގެ މަސައްކަތް ފެށުމުގެ މަޝްރޫޢު ހަވާލުކުރަން ބޭއްވުނު ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޤާސިމްއެވެ.

މި މަޝްރޫޢުގެ ދަށުން، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީ ކުރުމަށް މުޅި ޖުމްލަ 147.43 މިލިއަން ރުފިޔާ ހަރަދުވާއިރު 87،455 އަކަފޫޓުގެ ސަރަހައްދަކަށް އިތުރުކުރުމަށް ވަނީ ނިންމާފައިވެއެވެ. އަދި ރ. އުނގޫފަރު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް މުޅި ޖުމްލަ 161.24 ރުފިޔާ ހަރަދުވާއިރު 95،645 އަކަފޫޓުގެ ސަރަހައްދަކަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގައި ވާގޮތުން، ދެ ހޮސްޕިޓަލްވެސް ތަރައްޤީކޮށް ނިމޭއިރު، 102 އެނދު ހުންނާނެކަމަށާއި 540 ދުވަސްތެރޭގައި ނިމޭނެކަމަށްވެސް މި އެއްބަސްވުމުގައިވެއެވެ.

ހޮސްޕިޓަލްތައް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކަނޑައެޅުނު މި ދެ ރަށަކީވެސް ނިސްބަތުން ބަލާއިރު އަބާދީ ބޮޑު ދެ ރަށެވެ. އެހެންކަމުން ދެ ރަށުގައިވެސް ސިއްހީ ނިޒާމު ރަނގަޅުވެ ތަރައްޤީވުމުން މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަ ގުނަ މަންފާތަކަކާއި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.

އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއިއެކު ނިންމާފައިވެއެވެ.