މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީގެ ކަންތައްތައް ބަލަހައްޓާ އިދާރާގެ ވެރިޔާ ޝައިޚް ޑރ. އަބްދުއްރަޙްމާން އައް-ސުދައިސްގެ ނަމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ހަދާފައިވާ ދޮގު ވީޑިއޯއެއް ފެތުރުމާ ގުޅިގެން އެ އިދާރާއިން އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފިއެވެ.
ދާދި ފަހުން އިޖްތިމާއީ ވިއުގަތަކުގައި ފެތުރުނު މި ވީޑިއޯގައި ޝައިޚް ސުދައިސް އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ދައްކާ ކަމަށް ދައްކުވައިދޭ މަންޒަރުތަކެއް ހިމަނާފައިވެއެވެ. މިއީ ޙަރަމައިންގެ އިމާމުންގެ އަގު ވައްޓާލުމަށް ރާވައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމެއް ކަމަށް ބެލެވެއެވެ.
މިކަމާ ގުޅިގެން ދެ ޙަރަމްގެ ދީނީ ކަންކަން ބަލަހައްޓާ އިދާރާގެ ރަސްމީ ތަރުޖަމާނު ޝައިޚް އަބްދުﷲ ބިން ޙަމަދު އައް-ސޯލީ ވަނީ ހަރުކަށި ބަޔާނެއް ނެރެފައެވެ. އޭނާ ވިދާޅުވީ މި ވީޑިއޯއަކީ މުޅިން ދޮގު އެއްޗެއް ކަމަށާއި، މިފަދަ އޮޅުވާލާފައިވާ ކޮންޓެންޓްތަކަށް ހެއްލިގެން ނުދިއުމަށް ރައްޔިތުންނަށް އިންޒާރު ދެއްވާ ކަމަށެވެ.
"މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީގެ އެއްވެސް އިމާމަކު ނުވަތަ ޚަޠީބަކު ރަސްމީ އިޖްތިމާއީ ވިއުގަ އެކައުންޓެއް ނުގެންގުޅޭ، އަޅުގަނޑުމެންގެ އިދާރާގެ ރަސްމީ ޗެނަލްތަކުން ނެރޭ ކޮންޓެންޓް ފިޔަވައި އެހެން އެއްވެސް އެއްޗަކީ ޞައްޙަ އެއްޗެއް ނޫން. އެފަދަ އެއްޗެހި އެއްކިބާ ކުރަންވާނެ." ޝައިޚް އައް-ސޯލީ ވިދާޅުވިއެވެ.
މި ވީޑިއޯއަކީ ފިކުރީ މުދަލާއި ދީނީ ޙުރުމަތްތެރިކަމަށް އަރައިގަތުމެއް ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ދޮގު ވާހަކަތަކާއި ޢަމަލުތަކެއް ކަމަށް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަދަ އޮޅުވާލުންތަކުން އިޖްތިމާއީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތަށް ނުރައްކާވާނެ ކަމަށެވެ. ޚާއްޞަކޮށް މިފަދަ މަތިވެރި ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށް މިފަދަ ކަންކަން ކުރުމުގެ ނުރައްކާތެރިކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!