ދުބާއީގައި ފެށުނު ޗޮކްލެޓް ޓްރެންޑެއްގެ ސަބަބުން މުޅި ދުނިޔޭން ޕިސްޓާޗިއޯ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

މި ޓްރެންޑަކީ 2021 ވަނަ އަހަރު ދުބާއީގައި ހުންނަ ފިކްސް ޑެޒަޓް ޗޮކްލެޓިއަރ އިން ތަޢާރަފުކުރި ކަނާފެހް، ޕިސްތާ ކްރީމް އަދި ތަހީނީ ސްޕްރެޑް އެކުލެވޭ މިލްކް ޗޮކްލެޓް ބާއެކެވެ.

Ad
rt

މި ވިޔަފާރި ފެށިގެން އައީ ބްރިޓިޝް-އިޖިޕްޝަން އަންތްރެޕްރެނިއުރ ސާރާ ހަމޫދާ އޭނާގެ ފިރިމީހާ ޔަޒެން އަލާނީ އާ ގުޅިގެންނެވެ. ސާރާ މި ވިޔަފާރި ފެށުމަށް އިންސްޕަޔަރ ވެފައިވަނީ އޭނާގެ ބަނޑުބޮޑުވުމުގެ ދުވަސްވަރު އައި ކްރޭވިންގްސް ތަކުންނެވެ. "ފިކްސް" މާނައަކީ "ފްރީކިން އިންކްރެޑިބަލް އެކްސްޕީރިއަންސް" އެވެ.

2023 ވަނަ އަހަރު މާރިއާ ވެހެރާ މި ޗޮކްލެޓް ކައި، އޭގެ ވީޑިއޯއެއް ޓިކްކްޓޮކްގައި ވައިރަލްވުމާ ގުޅިގެން މި ޗޮކްލެޓަށް ޑިމާންޑް އިންތިހާއަށް އިތުރުވެގެން ދިޔައެވެ. މިއީ ޔަޤީނުންވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ޕިސްޓާޗިއޯގެ ޝޯޓޭޖެއް އައުމުގެ ސަބަބު ކަމަށް ބެލެވެއެވެ. ޕިސްޓާޗިއޯ ގިނައިން އުފައްދަނީ އެމެރިކާ އާއި އީރާނުގައެވެ.

ސީޖީ ހެކިންގްގެ ނަޓް ޓްރޭޑަރ ޖައިލްސް ހެކިންގް ވިދާޅުވި ގޮތުގައި އެންމެ އަހަރެއްގެ ތެރޭގައި ޕިސްޓާޗިއޯގެ އަގު ޕައުންޑަކަށް 7.65 ޑޮލަރުން 10.30 ޑޮލަރަށް އަރައިފައިވެއެވެ. "މިވަގުތު ޕިސްޓާޗިއޯ ދުނިޔެއިން ވަނީ ހުސްވެފައި" އޭނާ ވިދާޅުވިއެވެ.

ދުބާއީ ޗޮކްލެޓް ދުނިޔެ ހޫނުކޮށްލުމުގެ އިތުރުން، ޕިސްޓާޗިއޯ މަދުވަމުން އައީ އެމެރިކާގައި ފާއިތުވި އަހަރު އެބާވަތްތައް އުފެއްދުން މަދުވުމުގެ ސަބަބުންވެސް މެއެވެ. "ސަޕްލައި މަދުވެފައި އޮއްވާ، ދުބާއީ ޗޮކްލެޓް އައިސް، ޗޮކްލެޓް އުފައްދާ ފަރާތްތަކުން ލިބެން ހުރި ހުރިހާ ކާނަލްއެއް ގަންނަން ފެށުމުން... ދުނިޔޭގެ އެހެން ހިސާބުތަކަށް ޕިސްޓާޗިއޯ މަދުވެގެން ދިޔައީ" ހެކިންގް ވިދާޅުވިއެވެ.

އީރާނުގެ ކަސްޓަމްސް އޮފީހުގެ މަޢުލޫމާތު ދައްކާ ގޮތުގައި މާޗް މަހާ ހަމައަށް ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އީރާނުގެ އުފެއްދުންތެރިން ޔޫއޭއީއަށް އެކްސްޕޯޓްކުރި ނަޓްސްގެ އަދަދު ވަނީ 12 މަސްދުވަސް ކުރިއާ އަޅާބަލާއިރު 40 އިންސައްތަ އިތުރުވެފައެވެ.