ހުޅުމާލެއިން މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އާއި ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) އެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަހުމަދު ގާސިމް ހައްޔަރުކޮށްފައިވަނީ އެޕްރީލް 21 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ފޭސް 1 ހިރުނދުމަގުންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.
އަމްރު ޖަލީލް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ރުއްގަނޑު 2 ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތުގައެވެ. 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެއެވެ.
އިބްރާހީމް ނިޔާޒު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހުޅުމާލޭ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހިޔާ ޓަވަރު 16 ކައިރިންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލަތައް މިހާރު ވަނީ ތަހުގީގީ މަރުހަލާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!