ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ޓެސްޓްތައް ހަދަން ފަށައިފިއެވެ.

ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

Ad
rt

ޓެސްޓް ތައް ހަދަމުންދަނީ 20 އަހަރުގެ މީހަކަށެވެ. އޭނާ ރާއްޖެ އައީ ރޭގެވަގުތެއްގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ޒުވާނާ މިހާރު ހުރީ ކ. ފުނަދޫ އައިސޮލޭޝަން ފެސިލިޓީގައި ކަމަށާއި އޭނާއަކީ ޗައިނާއަށް ދަތުރުކުރި މީހެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮރޯނާ ވައިރަސް ހުރެދާނެ ކަމަށް ދެނެގަތުމަށްޓަކާ، މިހާރު ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރެއަށް ފެތޭ ކަމަށް ބެލެވޭ އުމުރުން 20 އަހަރުގެ ބޭފުޅެއް، ޗައިނާގެ ޒިއާމިން ދަތުރުކުރި ބޭފުޅެއް، އިތުރަށް ބެލުމަށްޓަކާ މަސައްކަތްތަކެއް ކުރަމުން މިގެންދަނީ"

އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އޭނާ އަކީ މި ވައިރަސް އަށް ޝައްކު ކުރެވޭ މިންގަނޑުގެ ތެރޭގައި ހިމެނޭ، ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ "މީޓް މާކެޓަކަށް" ޒިޔާރަތް ކޮށްފައިވާ މީހެއްގެ މިންގަނޑެއް އޭނާ ފެތޭ ކަމަށެވެ.

"މި ބޭފުޅާ އެއާޕޯޓުން ބެލިއިރު ހުމުގެ އަސަރެއް ނެތް. އެހެންނަމަވެސް އޭނާ އައުމަށްފަހު ރޯގާގެ ކަމެއް ހުރި ކަމަށް ފާހަގަކުރެވިގެން ޓެސްޓު ކުރިއިރު ވެސް އޭނާގެ ހުމުގެ އަލާމާތެއް ނެތް. އެހެން ނަމަވެސް އޭނަގެ ސްކްރީނިންގެ ތެރޭގައި އޭނާގެ ޓްރެވެލް ހިސްޓްރީ އާއި އޭނާ ދިޔަ ތަންތަނުގެ މައުލޫމާތު ހޯދުމުގެ ތެރެއިން ފާހަގަކުރެވުނީ އޭނާ ވޭތުވެދިޔަ 14 ދުވަސްތެރޭގައި މިފަދަ މާކެޓަކަށް ގޮސްފައިވާ ކަމަށް"

އަމީން ވިދާޅުވިއެވެ.

ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ އަދި އިތުރަށް ބަލާ މޮނިޓަރ ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަކީ:

  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ޗައިނާގެ ވުހާން ނުވަތަ ހޫބޭ ޕްރޮވިންސަށް ގޮސްފައިވުން
  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ޗައިނާގައި ހުންނަ މީޓް މާކެޓަކަށް ޒިޔާރަތް ކޮށްފައިވުން
  • ކޮރޯނާ ވައިރަސްގެ އަލާމާތްތައް ކަމަށްވާ، ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، އަދި ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން
  • ބަލި އުޅޭ ސަރަހައްދެއްގައި ހުރި ހޮސްޕިޓަލެއްގައި ސިއްހީ ހިދުމަތްދޭ މީހަކަށްވުން
  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހަކާއި އެކީ އުޅުން/ އެފަދަ މީހުން ތިބި ތަނަކަށް ދިޔުން

ޗައިނާއިން އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަސް އެކި ގައުމުތަކަށް މިހާރު ފެތުރިފައިވާއިރު މިވައިރަހުގެ ސަބަބުން މިހާތަނަށް 170 މީހަކު ވަނީ މަރުވެފަ އެވެ.

އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާއިން ވެސް މިހާރު ކޮރޯނާ ވައިރަސް ވަނީ ފެނިފައެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާރު ވަނީ ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާމަލް ކެމެރާ ބޭނުންކުރެ އެވެ.

އެއާޕޯޓްތަކުގެ ޓާމިނަލްގައި ތާމަލް ކެމެރާއިން ހުން ހުރި ކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

ތަފްސީލް އަންނަނީ....