ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާކުރި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޕީޖީގެ މަގާމުގައި ޝަމީމް ހުންނަވަނިކޮށް 2023 ވަނަ އަހަރު ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.
ނަމަވެސް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާ ކަމަށެވެ. އަދި އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ގެއްލިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުން އެންމެ މުހިންމު ހެއްކާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމްގައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުރި މީހަކަށް ހަމަލާދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަސާސީ ހެއްކާ މެދު ވެސް ދައުލަތުން ބަލާފައި ނުވާ ކަމަށެވެ. އެހެންވެ, އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އޭގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ.
ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށް ފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!