ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
މިގޮތުން ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ 457 ބްރޭންޑެޑް ފުޅި، 490 ޕެޓް ފުޅި އަދި 282 ދަޅު ބިޔަރެވެ. މީގެ އިތުރުން، އެހެނިހެން ތަކެތީގެ ގޮތުގައި ތިން އައިޓަމް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެހެނިހެން ތަކެތީގެ ތެރޭގައި ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެއެވެ.
ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރާގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާއާއި، ޑްރަގް އެންފޯސްމަންޓް، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާއެވެ. އަދި މީގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތެއް ނެތް ގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާގެ އިތުރުން ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާވެސް ނައްތާލާފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!