ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ އާމްދަނީ އިތުރުވެ ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި މިމަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބެލިއިރު، 16.1 އިންސައްތަ އިތުރުވެ، 100،000 އަށް ވުރެއް އިތުރުވެފައިވެއެވެ.

Ad
rt

އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރުމަހު ކޮންމެ މަހަކު 200،00 ފަތުރުވެރިން ހަމަވާނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ. އެހެންކަމުން، މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށްވެސް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ.

މިމަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 104،357 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 89،865 ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖެއަށް އައި އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ ގައުމަކީ 81،011 ފަތުރުވެރިންނާއެކު ޗައިނާއެވެ. ދެވަނަ ގައުމަކަށް މި އަދަދާއި އެންމެ ގާތްކުރަނީ 80،535 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. އެގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިން ޗުއްޓީހޭޒަކުރަން އައިސްފައިވަނީ ރިސޯޓްތަކަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހަކަށް ވުރެއް ދުވަހެއް ދަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތައް އައިސްފައިވާ ކުރިއެރުމާއެކު، މި ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ.