އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ބޮޑުވަޒީރު މޯދީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މޯދީ ވިދާޅުވި ގޮތުގައި މި ދެ ފަރާތުގެ މެދުގައި ހިނގި މަޝްވަރާގައި "އެކި މައުޟޫތަކާ ބެހޭގޮތުން ވާހަކަދެކެވުނު" އިރު، މީގެ ތެރޭގައި "މިއަހަރުގެ ކުރީކޮޅު ވޮޝިންގްޓަން ޑީސީގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންކަން" ހިމެނޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި މަޝްވަރާ ހިނގީ ކޮން ތާރީޚެއްގައިކަން މޯދީ ހާމަކުރައްވާފައެއް ނުވެއެވެ.

މި މަޝްވަރާގައި ޓެކްނޮލޮޖީ އަދި އައު އީޖާދުތތަކުގެ ދާއިރާއިން އެއްބާރުލުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް މޯދީ ފާހަގަކުރެއްވިއެވެ. މިފަދަ މަޝްވަރާތަކުން އިންޑިއާގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާއާއި މަސްކްގެ ކުންފުނިތަކާ ދެމެދު އޮންނަ ގުޅުން ވަރުގަދަވަމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ވެސް މަސްކްގެ ޓެސްލާ ކުންފުނިން އިންޑިއާގައި ކާރު އުފެއްދުމުގެ ޕްލާންޓެއް ޤާއިމުކުރުމާ ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ. މިފަދަ މަޝްވަރާތަކުން އިންޑިއާގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ.