ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް މިއަދު ފަށައިފިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް މިއަދު ފަށާފައިވާ ކަމަށެވެ.
ބ. އަތޮޅު ފެހެންދޫގައި ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫޢު ރަސްމީކޮށް މިއަދު އިފްތިތާހުކޮށް ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް އެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މިއީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް އިޤްތިޞާދީ ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފެށި މަޝްރޫޢުއެއް ކަމަށެވެ.
މި މަޝްރޫޢުގެ ސަބަބުން މެރިކަލްޗަރ ދާއިރާގައި އިތުރު މަޝްރޫޢުތައް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
''މީގެ ނަތީޖާއެއްގެ ގޮތުން، ރަށުގައި ތިބެގެން ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވެ، ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ.'' މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މިއީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!