ތިލަދުންމަތީގެ 26 ރަށެއްގައި ދަނޑުވެރިކަމާއި ބެހޭ ތަމްރީނުތަކެއް ކުރިއަށް ދާކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެގޮތުން ހދ، ހއ އަދި ށ އަތޮޅުގެ ރަށްތަކުގައި މި ތަމްރީންތައް ކުރިއަށްދާއިރު، މިއީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް، އިފާޑާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް، މެޕްގެ ދަށުން ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މެޕްގެ ދަށުން ހިންގާ މި ޕްރޮގްރާމްތަކުގެ އަމާޒަކީ، ދަނޑުވެރިކަމާއި ރާއްޖޭގެ އިޤުތިޞާދަށް މަންފާ ލިބޭ ސިނާޢަތެއްގެ ގޮތުގައި ހެދުމުގެ އިތުރުން ބޭރުން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް މަދުކޮށް ދިވެހި ދަނޑުފަނގުތަކުން ސީދާ ނަފާ ލިބޭނެހެން ކާނާގެ ޔަޤީންކަން އިތުރުކުމަށްކަމަށެވެ.
މީގެ އިތުރުން މެޕްގެ ތަމްރީންތައް ކުރިއަށްގެންދާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާއިރު "އައިލެންޑް ފާމަރސް ފޯރަމް" ގެ ނަމުގައި ރަށްރަށުގައި ދަނޑުވެރިންގެ ގުރޫޕުތަކެއް އެކުލަވާލައި، ގްރޫޕްތަކުގެ މެދުގައި ދަނޑުވެރިންގެ ބޯޑެއް އުފެއްދުމަށްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނިންމާފައިވެއެވެ.
މެޕްގެ ދަށުން ދަނޑުވެރިކަމުގެ އެކިއެކި މަރުހަލާތަކާއި ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދީ، ދަނޑުވެރިކަމާއި ގުޅުންހުރި އެކި އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ރަނގަޅު ކާނާއާ ބެހޭ ގޮތުން ހޭލުންތެރިކުރުމުުގެ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާތައްވެސް ކުރެވިފައިވެއެވެ.
މި ސިނާޢަތަށް ޒުވާނުން ޝައުގުވެރިކުރުމަށް ގިނަ ޙަރަކާތްތަކާއި ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ތަފާތު އެކި ހިސާބުތަކުގައިވެސް ތަމްރީނު ޕްރޮގްރާމްތައް ދަނީ ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!