ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު، ފަހަތުންއަރާ ކާމިޔާބުކޮށް ޕޮއިންޓް ތަވަލުގެ އެއްވަނާގައި ބާސާއިން ލީޑު ފުޅާކޮށްފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-3 ގެ ނަތީޖާއިންނެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ފެރާންސް ޓޯރޭސް ޖަހައިދިންއިރު، އޭގެ ތިން މިނެޓް ފަހުން ސެލްޓަގެ އިގްލީސިއަސް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައި އިތުރު ދެ ލަނޑުޖަހައި ސެލްޓައިން ވަނީ ބާސާ ހާސްކޮށްލާފައެވެ. އެ ޓީމަށް ދެވަނަ ލަނޑު 52 ވަނަ މިނެޓުގައި އިގްލީސިއަސް ޖަހައިދިންއިރު އޭނާވަނީ 62 ވަނަ މިނެޓުގައި ލަނޑުޖަހައި ހެޓްރިކް ފުރިހަމަކޮށް ސެލްޓައަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

ނަމަވެސް ބާސާއިން ވަނީ ދޫނުދީ މެޗު ކާމިޔާބުކުރަން މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 64 ވަނަ މިނެޓުގައި އޮލްމޯ ލަނޑެއްޖަހައި ފަރަގު ކުޑަކުރިއެވެ. އޭގެ ހަތަރުމިނެޓް ފަހުން ރަފީނިއާ ވަނީ ލަނޑުޖަހައި ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބާސާ މެޗުން މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 8 މިނެޓްގެ ތެރޭ ލިބުނު ޕެނަލްޓީން ރަފީނިއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ރެއާލަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. މިރޭ ރެއާލް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އެތުލެޓިކް ބިލްބާއޯއާއެވެ. އެ މެޗު ކާމިޔާބުކޮށްގެން ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.