ތަރުޖަމާ ކުރުމުގެ ފީޗާއެއް ވަޓްސްއެޕުން ޓެސްޓް ކުރަމުން ދާކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.
މުވާސަލާތީ އެޕްލިކޭޝަން ވަޓްސްއެޕްގެ އެންމެ ފަހުގެ ބީޓާ ވަރޝަންގައި ޓެސްޓް ކުރަމުންދާ މިފީޗަރަކީ އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް ތައާރަފުކުރެވިފައިވާ ފީޗަރެކެވެ.
މި އައު ފީޗަރުގެ ސަބަބުން، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އެހެން ބަހަކުން ލިބޭ މެސެޖުތައް އަމިއްލައަށް ތަރުޖަމާކޮށްދޭނެއެވެ. މި ފީޗަރ ބޭނުންކުރުމަށް، ބޭނުންކުރާ ފަރާތްތަކުން ވަކި ބަސްތަކެއްގެ ލޭންގުއޭޖް ޕެކްތައް ޑައުންލޯޑްކުރަން ޖެހޭނެއެވެ.
ވަޓްސްއެޕްގެ މެސެޖުތަކަކީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން (އީ2އީއީ) ބޭނުންކޮށްގެން ރައްކާތެރިކުރެވިފައިވާ މެސެޖުތަކަކަށް ވުމާއެކު، މި އައު ފީޗަރު މެދުވެރިކޮށް ތަރުޖަމާކުރެވޭ މެސެޖުތައް ޕްރޮސެސްކުރެވޭނީ ބޭނުންކުރާ ފަރާތުގެ ފޯނުގައެވެ. އެހެންކަމުން، ވަޓްސްއެޕްގެ ސަރވަރުތަކުގައި މި މެސެޖުތައް ޕްރޮސެސްއެއް ނުކުރެވޭނެއެވެ.
ފީޗަރ ޓްރެކަރ ވާބެޓާއިންފޯއިން ހާމަކުރި ގޮތުގައި، މި ފީޗަރު ވަޓްސްއެޕްގެ ޗެޓްތަކާއި ޗެނަލްތަކުގައިވެސް މަސައްކަތްކުރާނެއެވެ. އަދި މި ފީޗަރު ބޭނުންކުރުމަށް، ވަކި ޗެޓެއްގެ ސެޓިންގްސްއިން "ޓްރާންސްލޭޓް މެސެޖަސް" ޓޮގަލް އޮން ކުރަން ޖެހޭނެއެވެ. މި ފީޗަރު އޮން ކުރުމަށްފަހު، ބޭނުންކުރާ ފަރާތްތަކަށް ތަރުޖަމާކުރަން ބޭނުންވާ ބަސް ނެގުމަށް ފުރުސަތު ލިބޭނެއެވެ. މިހާރު މި ފީޗަރުގައި ހިމެނިފައިވާ ބަސްތަކުގެ ތެރޭގައި ސްޕެނިޝް، އަރަބި، ޕޯޗުގީޒް (ބްރެޒިލް)، ހިންދީ އަދި ރަޝިއަން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!