ޔޫކްރެއިން ހަނގުރާމަ 30 ގަޑިއިރަށް މެދުކަނޑާލަން ޕޫޓިން ނިންމަވައިފިއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމީރ ޕުޓިން ވަނީ ޔުކްރެއިންގެ ހަނގުރާމައިގައި 30 ގަޑިއިރުގެ އެއްފަރާތުގެ ހަނގުރާމަ ހުއްޓާލުމަކަށް އިޢުލާނު ކުރައްވާފައެވެ. މި އިޢުލާނު ކުރެއްވީ ހޮނިހިރު ދުވަހު ކްރެމްލިންގައި ރަޝިޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ވެލެރީ ގެރަސިމޮވްއާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ޕުޓިން ވިދާޅުވި ގޮތުގައި މި ސީޒްފަޔަރ ފެށޭނީ ހޮނިހިރު ދުވަހުގެ ހަވީރު 6 ޖަހާއިރު މޮސްކޯ ގަޑިންނެވެ. އަދި ނިމޭނީ އާދީއްތަ ދުވަހުގެ މެންދަމު 12 ޖަހާއިރުއެވެ. "އިންސާނީ ސަބަބުތަކަށްޓަކައި، ރަޝިޔާއިން މިއަދު އީސްޓަރ (އާދީއްތަ) ސީޒްފަޔަރ އަކަށް އިޢުލާނު ކުރަނީ... މި މުއްދަތުގައި ހުރިހާ ހަނގުރާމައިގެ ޢަމަލުތައް ހުއްޓާލުމަށް އަމުރު ކުރަން،" ޕުޓިން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތުން މި އިސްނެގުމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސީޒްފަޔަރ ކާމިޔާބުވުން ނުވަތަ ނުވުމުން ދައްކުވައިދޭނީ ޔުކްރެއިންއިން ސުލްޙަވެރި ހައްލަކަށް މަސައްކަތް ކުރުމުގެ ތައްޔާރީ އާއި ޤާބިލުކަން ހުރި މިންވަރު ކަމަށްވެސް ވިދާޅުވިއެވެ.
"ރަޝިޔާގެ ސިފައިން ތައްޔާރަށް ތިބެންވާނީ ސީޒްފަޔަރ ގެ ޚިލާފުވުންތަކާއި އިދިކޮޅު ފަރާތުން ކޮށްފާނެ ޕްރޮވޮކޭޝަންތަކަށް ރައްދު ދިނުމަށް،" ޕުޓިން ވިދާޅުވިއެވެ.
މީގެ ކުރިން ހަކަތައިގެ އިންފްރާސްޓްރަކްޗަރ އަށް ހަމަލާ ދިނުން 30 ދުވަހަށް ހުއްޓާލުމަށް އިޢުލާނު ކުރެވުނު ނަމަވެސް، ކީވްއިން ސުލްޙަވެރި މަޝްވަރާތަކަށް ދިއުމުގެ އެއްވެސް ނިޔަތެއް ނެތްކަން ސާފުވެގެން ދިޔަ ކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ޔުކްރެއިންގެ ބާރުތަކުން 100 އަށް ވުރެ ގިނަ ފަހަރު އެ އެއްބަސްވުމާ ޚިލާފުވި ކަމަށްވެސް ވިދާޅުވިއެވެ.
ހަނގުރާމައިގެ މައިދާނުގައި ކަންތައްތައް ދަނީ ރަޝިޔާއަށް ފަހި ގޮތަކަށް ކަމަށާއި، ރަޝިޔާގެ ބާރުތައް ދަނީ އެމީހުންގެ މަޤާމުތަކުން ކުރިއަށް ވަމުން ކަމަށް ޕުޓިން ވިދާޅުވިއެވެ. އެހެންނަމަވެސް، ޔުކްރެއިންގެ ސިފައިން މިހާރު ތިބީ ރަޝިޔާގެ ކުރްސްކް އަދި ބެލްގޮރޮޑް ސަރަޙައްދުތަކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!