ޓެކްނޮލޮޖީ ދުނިޔޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ލެނޯވޯއިން އައު ގޭމިންގ ޓެބްލެޓެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މި ޓެބްލެޓަކީ ލެނޯވޯގެ ލީޖަން ސީރީޒްގެ 4 ވަނަ ޖީލުގެ ޓެބްލެޓެއް ކަމަށްވާއިރު، މިއީ ލީޖަން ވައި 700 (2025) ގެ ފަހުގެ މޮޑެލްކަން ކުންފުނިން ހާމަކޮށްފައިވެއެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި ޝާއިއުކުރި ޕޯސްޓެއްގައި ލެނޯވޯއިން ބުނެފައިވަނީ މި އައު ޓެބްލެޓް މެއި މަހުގެ ތެރޭގައި ޗައިނާގައި ތައާރަފުކުރާނެ ކަމަށެވެ. އަދި މި ޓެބްލެޓާއެކު ލެނޯވޯ ލީޖަން އޭއައިޕީސީ ވައި 9000ޕީ 2025 ސުޕްރީމް އެޑިޝަން ލެޕްޓޮޕްވެސް ނެރޭނެ ކަމަށް ބުނެފައިވެއެވެ. މި ދެ އުފެއްދުމުގައިވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޚާއްސަ ފީޗަރތަކެއް ހިމެނޭނެ ކަމަށް ލެނޯވޯއިން ހާމަކޮށްފައިވެއެވެ.
ލެނޯވޯއިން މެއި 7 ގައި ޗައިނާގައި ބާއްވާ އޭއައި އާ ގުޅޭ ކޮންފަރެންސެއްގައި މި އައު ޓެބްލެޓް ހާމަކުރުމަށް ވަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މަހުގެ ފަހުކޮޅުގައި ވެސް މި ޓެބްލެޓް ތައާރަފުކުރުމުގެ ފުރުސަތު އޮތްކަމަށް ވަނީ ފާހަގަކޮށްފައެވެ.
ލެނޯވޯއިން ދައްކާފައިވާ ޓީޒަރ ވީޑިއޯއެއްގައި މި އައު ޓެބްލެޓްގެ ޑިޒައިން ކުރީގެ މޮޑެލްތަކާ ތަންކޮޅެއް ތަފާތުވާނެ ކަމަށް ދައްކައެވެ. މިގޮތުން ކުރީގެ މޮޑެލްގައި ފަހަތުގައި ދެ ކެމެރާ ހުރިއިރު، މި އައު މޮޑެލްގައި ހުންނާނީ އެންމެ ކެމެރާއެއް ކަމަށް ފެނެއެވެ. އަދި މި ޓެބްލެޓް ކަޅު އަދި ހުދު ކުލައިގައި ލިބެން ހުންނާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މި އައު ޓެބްލެޓްގެ ޓެކްނިކަލް މައުލޫމާތުތައް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވިޔަސް، ގިނަ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ޓެބްލެޓްގައި ކުއަލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން 8 އެލީޓް ޗިޕްސެޓް ބޭނުންކުރާނެއެވެ. މިއީ ގޭމިންގ އަށް ޚާއްސަކޮށްގެން ފަރުމާކުރާ ޓެބްލެޓަކަށްވާތީ، އޭގެ ޕަރފޯމަންސް ވަރަށް މަތިވެރިވާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!