އެމެރިކާއިން ޗައިނާއަށް ޗިޕް ވިއްކުން ހަނިކުރުމާ ގުޅިގެން އެންވިޑިއާއަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެއްޖެއެވެ.

ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެންވިޑިއާއިން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ސަރުކާރުން ޗައިނާއަށް އެޗް20 އާޓިފިޝަލް އިންޓެލިޖެންސް ޗިޕް ވިއްކުން މަނާކުރުމާ ގުޅިގެން އެ ކުންފުންޏަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ލަފާކުރެވެއެވެ. ޗައިނާއަކީ އެންވިޑިއާގެ އެންމެ މަޤްބޫލު ޗިޕްތަކުގެ ތެރެއިން އެއް ޗިޕަށް އެންމެ މުހިންމު މާކެޓެވެ.

Ad
rt

އެމެރިކާ ސަރުކާރުން އޭއައި ދާއިރާގައި ކުރި ހޯދުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޗިޕްތައް ޗައިނާއަށް ވިއްކުން ހުއްޓުވުމަށް މަސައްކަތްކުރަމުން ދާއިރު، އެންވިޑިއާގެ އޭއައި ޗިޕްތަކަކީ އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްތަކުގެ މައިގަނޑު އަމާޒެކެވެ. މި ކޮންޓްރޯލްތައް ތަންފީޒުކުރުމަށްފަހު، އެންވިޑިއާއިން ވަނީ އެމެރިކާގެ މިންގަނޑުތަކާ ވީހާވެސް ގާތް ޗިޕްތަކެއް ފަރުމާކުރަން ފަށާފައެވެ.

މި ޚަބަރާ ގުޅިގެން އެންވިޑިއާގެ ހިއްސާގެ އަގު ވަނީ މާކެޓް ބަންދުވުމަށްފަހު ގާތްގަނޑަކަށް 6 އިންސައްތަ ދަށަށް ގޮސްފައެވެ.

އެޗް20 އަކީ މިހާރު ޗައިނާގައި ވިއްކުމަށް ހުއްދަ އޮތް އެންވިޑިއާގެ އެންމެ ފަހުގެ ޗިޕެވެ. އަދި މިއީ ޗައިނާގެ ކުރިއަރަމުންދާ އޭއައި ޞިނާޢަތުގައި އެންވިޑިއާ ބައިވެރިވުމަށް ވަރަށް މުހިންމު ޗިޕެކެވެ. ޓެންސެންޓް، އަލިބާބާ އަދި ޓިކްްޓޮކްގެ މައި ކުންފުނި ކަމަށްވާ ބައިޓްޑާންސް ފަދަ ޗައިނާގެ ބޮޑެތި ކުންފުނިތަކުން މި ޗިޕަށް އޯޑަރު ކުރަމުންދިޔަކަން ފެބްރުއަރީ މަހު ރޯއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގ ވިދާޅުވެފައިވަނީ އޭއައި ޗިޕް މާކެޓުގެ އެންމެ ބޮޑު ބައެއް ކަމަށްވާ އިންފަރެންސްގައި އެންވިޑިއާއަށް އިސް ދައުރެއް އަދާކުރެވޭނެ ކަމަށެވެ. އިންފަރެންސްއަކީ އޭއައި މޮޑެލްތަކުން ބޭނުންކުރާ ފަރާތްތަކަށް ޖަވާބު ދިނުމުގެ މަރުހަލާއެވެ.