ޗައިނާގެ އުފެއްދުންތެރި ކުންފުނިތަކުން ލުއި ވިޓަން، ޕްރާޑާ ފަދަ އަގު ބޮޑެތި ލަގްޒަރީ ބްރޭންޑްތަކުގެ އުފެއްދުންތައް ކޮޕީކޮށް އުފެއްދުމަށްފަހު އެ ތަކެތި ހެޔޮ އަގުތަކުގައި ވިއްކަން ފަށައިފިއެވެ.

އެގޮތުން 2،000 ޑޮލަރުގެ އަގުގައި ވިއްކަމުން އައި ހޭންޑްބޭގެއް އެންމެ 20 ޑޮލަރަށް ލިބެން ހުންނަ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

Ad
rt

މި ކުންފުނިތަކުން ބުނާ ގޮތުގައި އެމީހުން އުފައްދަނީ ހަމަ އެއްފެންވަރުގެ ތަކެއްޗެވެ. ހަމައެކަނި ތަފާތަކީ ބްރޭންޑް ނަމެވެ. ސޯޝަލް މީޑިއާގައި މި ކުންފުނިތަކުން ބޮޑެތި ބްރޭންޑްތަކުގެ އަގުތަކާމެދު ފުރައްސާރަކޮށް، އެތަކެތި ގަންނަ މީހުންނަށް މަލާމާތްކުރާ ވީޑިއޯތައް ވެސް ޝާއިޢުކޮށްފައިވެއެވެ.

ލަގްޒަރީ ބްރޭންޑްތަކުން މި މައްސަލައާއި ގުޅޭގޮތުން ބުނަނީ މިއީ ކޮޕީރައިޓް ޙައްޤުތަކަށް އަރައިގަތުން ކަމަށާއި، ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންނަމަވެސް، މި ކުންފުނިތަކުން ބުނަނީ އެމީހުން ޑިޒައިން ކުރަނީ "އިންސްޕަޔަރ" ވެގެން ކަމަށާއި، އެއީ ކޮޕީއެއް ނޫން ކަމަށެވެ.

މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ވިޔަފާރީގެ ދާއިރާގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، ބައެއް ސަރުކާރުތަކުން މިކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ބަލަމުންދާ ކަމަށް ވަނީ ރިޕޯޓްކުރެވިފައެވެ.

ޗައިނާއަކީ ދުނިޔޭގެ އެތަށް ލަގްޒަރީ ބްރޭންޑްތަކެއްގެ އުފެއްދުންތައް އުފައްދާ ޤައުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެންމެ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ 90% އުފެއްދުންތައް އުފެދެނީ ޗައިނާގެ ފެކްޓަރީތަކުގައެވެ. އެކަމަކު މި އުފެއްދުންތަކުގެ ޙަޤީޤީ އަގު ބޮޑެތި ބްރޭންޑްތަކުން ވިއްކާ އަގާ އަޅާބަލާއިރު ވަރަށް ކުޑައެވެ.