އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރައްވައި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެންނެވި އިޞްލާޙާ ގުޅިގެން ހދ. އަތޮޅު ކައުންސިލުން ޝުކުރު ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް ދަންނަވައިފިއެވެ.
ހދ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ފަލަސްތީނުގައި ކުރަމުންދާ ލާއިންސާނީ އަމަލުތަކަށް ޒިންމާވާ ޞަޙްޔޫނީ ޔަހޫދީން ހިތް އުފާކޮށް ޗުއްޓީ ހޭދަކުރާ މަންޒިލަކަށް މި ދީބުގެ ހަމަހިމޭން ރަށްތައް ހުޅުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް، މި ސައްތައިން ސައްތަ އިސްލާމީ ޤައުމުގެ ރައްޔިތުން ގޮވާތާ އެތައް އަހަރެއްވެއްޖެކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން، ރައްޔިތުންގެ އަޑު އައްސަވައި، އަނިޔާވެރި ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރެއްވުމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ތާރީޚީ ނިންމެވުމަށްކަމަށް އަތޮޅު ކައުންސިލުން ބުނެފަވެއެވެ.
އެހެންވެ، ތިލަދުންމަތީ ދެކުނުބުރީގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށާއި މިކަމުގައި މަސައްކަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް އަތޮޅު ކައުންސިލުން ޝުކުރު އަދާކޮށްފައިވެއެވެ.
އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ސަރުކާރުން ކުށްވެރިކޮށް، އެފަދަ ކަންކަން ހުއްޓާލުމަށް ގޮވާލާ، ބައިނަލްއަޤްވާމީ މަޝްރަހުގެ ސަމާލުކަން ގެނައުމަށް ރައީސް މުޢިއްޒު އާއި ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި އަޑުއުފުލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!