ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް މއ. ސިގްމާ، މުޙައްމަދު މުޖުތާޒް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާޤުންނެވެ.

Ad
rt

މުޖުތާޒް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވުމުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، އޭނާ އެ މަޤާމަށް ޢައްޔަންކުރުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ.

މި މަޤާމު ހުސްވެފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު، އެއިރުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މާރިޗް 11 ވަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

މުޖުތާޒް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރަށްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙާއި، މެންބަރުންގެ ގޮތުގައި މުޙައްމަދު ފަރުޞަތު، ފާތިމަތު ޝަރީފް އަދި ފާތިމަތު ޙަބީބާއެވެ.