އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލާ ގުޅުވައިގެން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ދައުވާކޮށްފި އެވެ.

ވޭޕް މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދުއާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާކޮށް, ފަސްޓްލޭޑީގެ ފަރާތުން ކުރިން ސިވިލް ކޯޓުގައި އޮތީ ދައުވާކޮށްފަ އެވެ.

Ad
rt

ރައީސްގެ އާއިލާގެ ވަކީލުން މިއަދު ނެރުނު ބަޔާނުގައިވަނީ ބުނިގޮތުގައި އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް އަބުރުގެ ދައުވާކޮށް، އެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ދަރިކަލުންގެ ހައްގުތައް ނިގުޅައިގެންފައިވާތީ މަންދީ އާއި ފައްޔާޒާއި އެމްޑީޕީއާ ދެކޮޅަށް ފެމެލީ ކޯޓުގައި ވެސް ދައުވާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރައީސްގެ އާއިލާގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއް ކަމަށްވާތީ އެވެ. އަދި ފައްޔާޒަށް ދައުވާކުރީ އެ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޕޯސްޓެއް ކުރެއްވި ކަަމަށް ބުނެ އެވެ.

މަންދީގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެމްޑީޕީން ވަނީ ރައީސްގެ ދަރިކަލުންގެ ނަން ހާމަކޮށް, އެ ކުއްޖާގެ ކަރާމާތް ނަގާލީ އާއިލާ އާއި ވަކީލުން ކަމަށް ބުނެ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ.