އެމެރިކާގައި ތިބި އިންޑޮނޭޝިއާގެ ދަރިވަރުން ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ސަމާލުވުމަށް އިންޑޮނޭޝިއާ ސަރުކާރުން އަންގައިފިއެވެ.

ޖަކާރުތާ ގްލޯބްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގައި ކިޔަވަމުންދާ އިންޑޮނޭޝިއާގެ ދަރިވަރުންނަށް އެ ޤައުމުން ވަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އިންޒާރުދީފައެވެ. މިއީ އެމެރިކާއިން އެ ދަރިވަރުން ޑިޕޯޓްކޮށްފާނެ ކަމުގެ ބިރަށް ނުވަތަ އެމެރިކާއަށް ވަނުން މަނާކޮށްފާނެ ކަމަށް ނުވަތަ ހައްޔަރުކޮށްފާނެ ކަމަށް ބުނެ ދީފައިވާ އިންޒާރެކެވެ.

Ad
rt

މި އިންޒާރު ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އިމިގްރޭޝަން ޤާނޫނުތައް ހަރުކަށިކޮށްފައިވާތީއެވެ. އިންޑޮނޭޝިއާގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުން ފުރަތަމަ ފަހަރަށް ވިސާއާ ގުޅޭ އިރުޝާދުތަކުގައި ސޯޝަލް މީޑިއާ ބޭނުންކުރުމާ ގުޅޭ މަޢުލޫމާތު ހިމަނާފައިވެއެވެ.

ލޮސް އެންޖެލެސްގައި ހުންނަ އިންޑޮނޭޝިއާގެ ކޮންސިއުލޭޓް ޖެނެރަލްއިން ފޭސްބުކުގައި ބުނެފައިވަނީ "ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކުރުމުގައި ވިސްނުންތެރިވާށެވެ. އޮޅުން އަރާފަދަ ނުވަތަ ޤާނޫނީ ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ޕޯސްޓްތައް ކުރުމުން ދުރުހެލިވާށެވެ."

މީގެ އިތުރުން، ދަރިވަރުންނަށް ހުއްދަ ނެތި މަސައްކަތް ނުކުރުމަށާއި ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ދެމިތިބުމަށް ވެސް އިރުޝާދު ދީފައިވެއެވެ. އަދި އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ.

ރައީސް ޓްރަމްޕް ވަނީ އެމެރިކާއާ ދެކޮޅަށް "ހަސަދަވެރި ވިސްނުން" ގެންގުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް އަމުރުތަކެއް ސޮއިކޮށްފައެވެ. އޭނާ ބުނާ ގޮތުގައި މީގެ ތެރޭގައި "އެންޓިސެމިޓިޒަމް" އާ ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނެއެވެ. މިކަމުގެ ސަބަބުން ޔުނިވަރސިޓީތަކުގައި ފަލަސްޠީނަށް ތާއީދުކޮށް ބޭއްވި މުޒާހަރާތަކުގައި ބައިވެރިވި ބައެއް ބޭރު ދަރިވަރުން ވަނީ ޑިޕޯޓްކޮށްފައެވެ.