ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ރޭވުންތަކެއްގައި ބައިވެރިވި 16 މީހަކު އުރުދުން އިން ހައްޔަރުކޮށްފިއެވެ.
އުރުދުންގެ ޖެނެރަލް އިންޓެލިޖެންސުން އަންގާރަ ދުވަހު ބުނެފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ރޭވުންތަކެއްގައި ބައިވެރިވި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި ރޭވުންތަކުގެ މަޤްޞަދަކީ ހަމަނުޖެހުމާއި މާއްދީ ގެއްލުން ދިނުމުގެ ޒަރީއާއިން ޤައުމު ހަލަބޮލިކޮށްލުން ކަމަށެވެ.
އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި މި ރޭވުންތައް 2021 އިން ފެށިގެން ނަގަހައްޓަމުން އައިސްފައިވެއެވެ. އަދި މީގެ ސަބަބުން ގޮވާ ތަކެއްޗާއި، ހަތިޔާރާއި، ބޭނުންކުރަން ތައްޔާރަށް ފޮރުވާފައި ހުރި ރޮކެޓެއް އަދި ޑްރޯން ކުރެހުންތަކެއް ފެނިފައިވެއެވެ. މީގެ އިތުރުން، އުރުދުންގެ އެތެރެއާއި ބޭރުގައި އޮޕަރޭޝަނަލް ނެޓްވޯކްތައް ޤާއިމުކުރުމަށް މީހުން ރެކްރޫޓްކޮށް ތަމްރީނު ދިނުމުގެ މަސައްކަތްތަކެއްވެސް ހިނގާފައިވާކަން ހާމަވެފައިވެއެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު އަލް-މޮމާނީ ވިދާޅުވެފައިވަނީ މި ރޭވުންތަކުގައި ހިމެނެނީ ވަކިވަކިން މަސައްކަތްކުރި 16 މީހުން ހިމެނޭ 4 މައިގަނޑު މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2023 ގެ މޭ އާއި ޖޫން މަހުގެ ދެމެދު 3 މީހަކު ހައްޔަރުކުރެވުނީ ބޭރުން މަތީ ފެންވަރުގެ ގޮވާ ތަކެއްޗާއި (ޓީ.އެން.ޓީ، ސީ4، ސެމްޓެކްސް-އެޗް) އޮޓޮމެޓިކް ހަތިޔާރު ވައްދައި ރައްކާކުރުމުގެ ތުހުމަތުގައެވެ.
އަމްމާންގެ މަރްޖް އަލް-ހަމާމް ސަރަޙައްދުގައި ބޭނުންކުރަން ތައްޔާރަށް ހުރި ކަޓީޝާ ރޮކެޓެއް ފޮރުވާފައި ހުރި ކަމަށް ތުހުމަތުކުރެވޭ ހަތަރުވަނަ މީހަކު ވަކިން މަސައްކަތްކުރަމުން ދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހު 3 މީހަކު ހައްޔަރުކުރެވުނީ އެގައުމުން ލިބޭ އަދި ބޭރުން އެތެރެކުރާ ތަކެތި ބޭނުންކޮށްގެން ރޮކެޓް އުފެއްދުމުގެ ތުހުމަތުގައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!