މަދީނާގައި ހުންނަ މުސްލިމުންގެ ދެވަނައަށް އެންމެ މުޤައްދަސް ޙަރަމް ފުޅު މަސްޖިދުއް ނަބަވީގެ ރައުޟާ އައްޝަރީފާގެ ދުވާލަކު ޒިޔާރަތްކުރެވޭ މީހުންގެ އަދަދު 52،000 އަށްވުރެ އިތުރުކޮށްފައިވާކަމަށް ސަޢޫދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާގެ ވަޒީރު ޑރ. ތައުފީޤް އަލްރަބީޢާ އިޢުލާންކުރައްވައިފިއެވެ.

މި އިތުރުކުރުމަކީ ޙައްޖާއި ޢުމްރާގެ މޫސުމުގައި އިތުރުވަމުންދާ ޒިޔާރަތްތެރިންގެ އަދަދަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށާއި އެބޭފުޅުންގެ ރޫޙާނީ ތަޖުރިބާ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ކަމެކެވެ.

Ad
rt

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި މި އިތުރުކުރުން ވަނީ ރައުޟާ އައްޝަރީފާއަށް 12 އައު ދޮރު އިތުރުކޮށްގެން ކަމަށާއި، މިކަމުގެ ސަބަބުން ޒިޔާރަތްތެރިންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވަދެނިކުމެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ސަރަޙައްދުގައި ވަނީ ޒަމާނީ ސަލާމަތީ ނިޒާމްތަކާއި، މޫސުން ކޮންޓްރޯލްކުރެވޭ ސަރަޙައްދުތަކާއި، އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމުކޮށްފައެވެ. މިކަމުގެ ސަބަބުން ޒިޔާރަތްތެރިންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެއެވެ.

"ރައުޟާ އައްޝަރީފާއަކީ މުސްލިމުންނަށް ވަރަށް މުހިންމު ދީނީ މަޤާމެއް. މި އިތުރުކުރުމަކީ އެތަނުގެ ޤަދަރު ހިފެހެއްޓުމާއެކު، މިލިއަނުން ޒިޔާރަތްކުރާ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެއްކެއް، މި އިޞްލާޙުތަކުގެ ސަބަބުން އިންތިޒާރުކުރަން ޖެހޭޖެހޭ ވަގުތު މަދުވެ، ނަމާދުކުރުމަށާއި ޒިކުރުކުރުމަށް މަޑުމައިތިރި މާޙައުލެއް ލިބިގެންދާނެ." ޑރ. އަލްރަބީޢާ ވިދާޅުވިއެވެ.

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ކޮންމެ އަހަރަކު މިލިއަނުން ޒިޔާރަތްތެރިން ޒިޔާރަތްކުރެއެވެ. 2022 ވަނަ އަހަރު ފެށުނު މި މަޝްރޫޢުގެ ދަށުން ވަނީ ސްމާޓް ސަރވެއިލަންސް ނިޒާމްތަކާއި، ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ އިތުރު ވަސީލަތްތައްވެސް ޤާއިމުކޮށްފައެވެ.