ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި އިޤްތިޞާދީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު މިއަދު އިސްތަންބުލްގައި ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީ.އީ.އައި.ކޭ) އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ޑީ.އީ.އައި.ކޭގެ ޗެއަރމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް، ނާއިލް އޮލްޕަކް އިސްވެ ހުންނެވިއެވެ.

Ad
rt

މި ބައްދަލުވުމުގައި ތުރުކީގެ އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚާރިޖީ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، އިންވެސްޓްމަންޓް، ދަނޑުވެރިކަން، ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓް، ވިޔަފާރި ބަނދަރު ތަރައްޤީކުރުން އަދި ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވިޔަފާރީގެ މާޙައުލު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އަދި އިޤްތިޞާދީ ކުރިއެރުވުން އަދި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު "އިކޮނޮމިކް ކޯޕަރޭޝަން" އަދި "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުންތަކަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެއް ކަމަށެވެ.

މި ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުން ކުރިއަރަމުން އަންނަ މަންޒިލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ނިމުމުގައި، ޚާރިޖީ ވަޒީރާއި އިޤްތިޞާދީ ކުރިއެރުވުން އަދި ވިޔަފާރިއާ ބެހޭ ވަޒީރު، ތުރުކީގެ ވިޔަފާރިވެރިންނާއެކު ވަކިވަކިން މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. މި މަޝްވަރާތަކުގައި މުސްތަޤްބަލުގައިި ދިވެހިރާއްޖެއާއި ތުރުކީއާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާވެ، އައު އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ދެ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށްވެސް ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ބޭރު ޤައުމުތަކާއެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިއީ އެޅުނު އިތުރު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މި ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އިތުރު އެއްބަސްވުންތަކާއި މަޝްރޫޢުތައް ފެށިގެންދާނެކަމަށް އުންމީދުކުރެވެއެވެ.